ރާއްޖެއިން ކޮވިޑްގައި އުމުރުން 67 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ، ދިވެހި އަންހެނެއް ކަމަށާއި، އޭނާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު 07:00 ހާއިރު ކަމަށް ވެސް އެޗްއީއޯސީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 36 ވަނަ މީހާއެވެ.

ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،154 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9995 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 49 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 384 މީހުންނެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 35 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވް ވެފައި ވަނިކޮށް 7 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

އިއްޔެ 41 މީހަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު އިތުރު 64 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.