އަވަށްޓެރި އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ އަވަށެއްގެ ގެއެއްގެ ތެރޭގައި ހުރި ފްރީޒާ ބޮކްސްއަކުން ސަލާމަތް ކުރި އުމުރުން 74 އަހަރުގެ ބާލަސުބްރަމާނިއާކުމާރު، މަރުވެއްޖެއެވެ.

އަންގާރަ ދުވަހު ފްރީޒާ ބޮކްސްއިން ސަލާމަތް ކުރި ބާލަސުބްރަމާނިއާކުމާރު މަރުވީ ވެންޓީލޭޓަރު ސަޕޯޓް ދިނުމުންވެސް އޭނާގެ ހަށިގަނޑު ފެއިލްވެގެން ކަމަށް އޭނާ އަށް ފަރުވާ ދިނުމަށް އެޑްމިޓް ކުރި ސަރުކާރު ހޮސްޕިޓަލުގެ ޑީން ވަނީ ހާމަކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުން އެނގިފައި ވާ ގޮތުގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ ބާލަސުބްރަމާނިއާކުމާރުގެ ހާލު ދެރަވެގެން އިތުރު ފަރުވާ ހޯދުމަށް ކައިރި ހިސާބުތަކުގެ ހޮސްޕިޓަލުތަކަށް އޭނާ ގެންދެވުނެވެ. ނަމަވެސް 2 ހޮސްޕިޓަލަކުން އޭނާއަށް ފަރުވާ ދިނުމަށް އިންކާރުކޮށް، ސަރުކާރު ހޮސްޕިޓަލަކަށް ގެންދިއުމަށް އާއިލާއަށް އިރުޝާދު ދިން ކަމަށްވެއެވެ. މިއާއެކު އާއިލާއަށް މަޖުބޫރުވީ ބާލަސުބްރަމާނިއާކުމާރު ގެއަށް ގެނައުމަށެވެ. އަދި ގޭގައި މަރުވާ މީހުންނަށް އިންޑިއާއިން ދޫކުރާ "ފޯމް-4 ޑެތް ސެޓްފިކެޓް" އެއް އޭނާގެ އާއިލާއިން ހޯދިއެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވީ، މި ސެޓްފިކެޓް ބޭނުންކޮށްގެން، ބާލަސުބްރަމާނިއާކުމާރުގެ ކޮއްކޮ، އުމުރުން 70 އަހަރު ސަރަވަނަން، ފްރީޒާ ބޮކްސްއެއް ކުއްޔަށް ހިފި ކަމަށެވެ. އަދި ކުއްޔަށް ދޫކުރި ތަނުގެ މުވައްޒަފެއް، ފްރީޒާ ބޮކްސް ބަލާ އައިއިރު، ފްރީޒާ ބޮކްސް ތެރޭގައި ބާލަސުބްރަމާނިއާކުމާރު ހަރަކާތް ކުރާތީ އެ މުވައްޒަފަށް ފެނުނު ކަމަށް ވެއެވެ.

މި ހާދިސާގެ ވީޑިއޯ ރެކޯޑިންގްއެއްވެސް އޮތް ކަމަށްވެއެވެ. ފްރީޒާ ބޮކްސް ތެރޭގައި ބާލަސުބްރަމާނިއާކުމާރު ހަރަކާތް ކުރާތީ ފެންނައިރު، ބާލަސުބްރަމާނިއާކުމާރު މަރުވެފައި ވާކަމަށާ، ހޮސްޕިޓަލުން މަރުގެ ސެޓްފިކެޓްވެސް ދޫކޮށްފައި ވާކަމަށް އޭނާގެ ކޮއްކޮ، އެ ތަނުގައި ހުރި މީހެއްގެ ގާތުގައި ބުނިކަމަށްވެއެވެ. ބާލަސުބްރަމާނިއާކުމާރުގެ ކޮއްކޮއާއި ސުވާލު ކުރި މީހާ، ސަރުކާރުގެ އެމްބިއުލާންސް ހިދުމަތަށް އެދި ގުޅާނެ ކަމަށްވެސް ބުނެއެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމާއެކު، ފަރުވާ ދިނުމަށް ބާލަސުބްރަމާނިއާކުމާރު ގެންދެވުނީ ސަރުކާރުގެ ހޮސްޕިޓަލަކަށެވެ. އޭނާއަށް ފަރުވާ ދިނުމަށް އެޑްމިޓް ކުރި ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ، ބާލަސުބްރަމާނިއާކުމާރު އޮތީ ޒާތަކަށް ހޭ ނެތިފައި ކަމަށާ، ނަމަވެސް އާދަޔާ ހިލާފަށް ފިނިވުމުން މެދުވެރިވާ ހައިޕޮތާމިއާގެ އަސަރެއް އޭނާގެ ހަށިގަނޑުގައި ނެތް ކަމަށެވެ. އަދި ފްރީޒާ ބޮކްސްގައި ބާލަސުބްރަމާނިއާކުމާރު އޮތީ ކިހާ އިރެއް ވަންދެންކަން ނޭނގޭ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. ޕޭޝަންޓުގެ ލޭގެ ޕްރެޝަރާއި، ލޭގެ ގްލޫކޯޒް ލެވަލްއާއި ސީޓީ ސްކޭންގައިވެސް މައްސަލައެއް ނެތް ކަމަށާ، ނަމަވެސް އޭނާއަކީ ފުއްޕާމޭގެ ބައްޔެއް ހުންނަ މީހެއްކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ހާލު ދެރަވެ، ވެންޓިލޭޓަރަށް އިޖާބަ ދިނުމަށް ފެއިލްވެ، ބާލަސުބްރަމާނިއާކުމާރު މަރުވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބެން 2 ދުވަހެއް ވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.