ބޭރު ފައިސާ ގެނެވިއްކުމުގެ ވިޔަފާރި ކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން ހުއްޓާލާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ އާބާދީ އާ އަޅާ ބަލާއިރު، ގިނަ އަދަދެއްގެ ވިޔަފާރި ތަކަކަށް ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ވަނީ ދޫކޮށްފައި ކަމަށެވެ. އެހެންކަމުން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މިއަދުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮންނަ ފަރާތްތަކުގެ ލިސްޓް އެ އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއު ކޮށްފައި ވާނެކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

އެމްއެމްއޭއިން ބުނީ މަނީ އެކްސްޗޭންޖަރުން އަމަލުކުރަން ޖެހޭ ގޮތުގެ ގަަވައިދު މުރާޖައާ ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާ ކަމަށާއި ވަރަށް އަވަހަށް އެ ގަވާއިދު އިސްލާހުކޮށް އާންމު ކުރާނެ ކަމަށެވެ.

އެމްއެމްއޭ އެިން މި ފިޔަވަޅު އެޅި އިރު، ރާއްޖޭގައި އެންމެ ގިނައިން ޑޮލްރު މާރު ކުރާ މީހުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ. ބްލެކްމާކެޓުގައި ޑޮލްރު މާރު ކުރުމަކީ އާންމު ކަމަކަށް ވާއިރު ކަމާބެހޭ އިދާރާތަކަށް މިކަން ހުއްޓުވުމަށް ފިޔަވަޅެއް އެޅިފައި ނުވާކަންވެސް ފާހަގަ ކުރެވެއެވެ.