ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް އެލައިޑް އިންޝޫރަންސްއިން 22.7 މިލިއަން ޑޮލަރު ދައްކަން ފަސްކުރަން ހައިކޯޓުން އަމުރު ނެރެފިއެވެ.

އެފައިސާއަކީ ޔޮޓް ޓުއާސް އިން ކުރިން ހިންގި ހއ. އަލިދޫ ރިސޯޓަށް 2014 ގައި މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ހޯދަން ހުށަހެޅުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެެލައިޑުން ނިންމުމުން އެ މައްސަލަ ބަލައި އަލުން ކުރި ހުކުމްގައެވެ.

ޔޮޓް ޓުއާސްއިން ވަނީ އިންޝުއަރަންސް ޕްރިމިއަމް ދައްކާފައެވެ. އެހެންކަމުން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އިންޝުއަރަންސް ޕްރިމިއަމް ދައްކާފައި ވާތީ އަލިދޫ ރިސޯޓަށް އޭރު ލިބުނު ގެއްލުމަށް ދެ ފަރާތުގެ ދެމެދުގައި އޮތް އިންޝުއަރަންސް ޕޮލިސީގެ ދަށުން ބަދަލު ދޭންޖެހޭ ކަމަށެވެ. އަދި ލިބުނު ގެއްލުންތަކަށް ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު އެލައިޑުން ދައްކަން ޖެހޭ ކަމަށް ކަނޑައަޅައި ޖުލައި މަހުގެ 19 އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް ހުކުމްކޮށްފައި ވެއެވެ.

އެ ހުކުމާ އެއްގޮތަށް އެއް މަސް ދުވަހުގެ ތެރޭގައި އެލައިޑުން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 3.8 މިލިއަން ޑޮލަރު ދޭން ޖެހޭ ނަމަވެސް، އެ ފައިސާ ދީފައި ނުވާ ކަމަށް ބުނެ ހުކުމް ތަންފީޒު ކޮށްދޭން ފިޔަވަޅު އަޅައިދިނުމަށް އެދި ޔޮޓް ޓުއާސްއިން ވަނީ ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ.

ނަމަވެސް، އެ ފަހުން އެލައިޑުން ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެލައިޑުން ވަނީ މައްސަލަ ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައެވެ.

އެގޮތުން އެ މައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމްގައި ވަނީ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރަންދެން، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން އެހެން ގޮތަކަށް ކަނޑައަޅަންދެން، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓަށް އަންގައި އަމުރުކޮށްފައެވެ.