ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްއިއްޔާއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށްފަހު ބޭއްވި އެޖަމްއިއްޔާގެ ހާރިޖީ ވަޒީރުންގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްއިއްޔާއެއްކަމަށާއި ކޮވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާ ކަމަށެވެ. އަދި މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ކުދި ގައުމުތަކަށް ލިބުނު ގެއްލުންތަކާ، މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރެވޭ ގޮތަށް އެބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
މީގެ އިތުރުން މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރުކަމަށާއި، އެގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އަލުން އަނބުރާ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކުންނާއި އަދި ސެކްރެޓަރީ ޖެނެރަލް ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވައި، ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތުން މެންބަރު ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޑިޒާސްޓާ ރިސްކް ފައިނޭންސް ޕޯޓަލްއެއް ގާއިމްކުރިކަމާއި، ބައިނަލްއަގްވާމީ މާލީ ބާޒާރުން މެންބަރު ގައުމުތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރިކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮމަންވެލްތާއެކު ކުރިއަށް އޮތްތަނުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ.
މިއަދު މެންދުރުފަހު ބޭއްވި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިނގިރޭސި ހާރިޖީ ވަޒީރުން ޑޮމިނިކް ރާބްއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅާ އެއްގޮތަށް ކޮމަންވެލްތާއި ދިވެހިރާއްޖެ އަލުން ގުޅުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހެވެ.