ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ހުކުމް ކުރީ ކޮން ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް ކަން އެނގެން ނެތް ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
އުތުރު ޕްރޮވިންސްގެ އަތޮޅުތަކަށް ފެރީ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ސިވިލް ކޯޓުން ހުކުމްކުރިއެވެ. އެއީ 348.10 މިލިއަން ރުފިޔާއެވެ. އޭގެ ފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރިއެވެ.
ނަމަވެސް ހައި ކޯޓުން އެހުކުމް ބާތިލް ކޮށްފައި ވަނިކޮށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ދަމަހައްޓައިފަ އެވެ.
އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ސިވިލް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައި އޮތީ ދީބާޖާއިން ދައުލަތުން ވަނީ ބުނެފައެވެ. އަދި ފައިސާ ދައްކަން ހުކުމް ކުރީ ކޮންޓްރެކްޓާއާ ބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގެ އުސޫލުތަކާ ހިލާފަށް ކަމަށާއި އެހާ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ކަނޑައެޅި ގޮތް ވެސް ނޭނގޭ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުން އިތުރަށް ބުނީ އިސްތިއުނާފް މުއްދަތު ހަމަވެފައި އޮތް ނަމަވެސް މަގްބޫލު އުޒުރެއް އޮތް ނަމަ މައްސަލަ ބަލައިގަނެވިދާނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި އޮންނަ ކަން ފާހަގަކޮށް ދައުލަތުން ބުނީ އެކަމަށް މަގްބޫލު ސަބަބުތަކަކީ ކޮބައިިކަން ދީބާޖާ މައްސަލައިގައި ނިންމި ނިންމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނެތް ކަމަށެވެ.
އެހެންވުމުން ދީބާޖާގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި އޮތީ ރަނގަޅަށް ކަމަށާއި އަދި ހައި ކޯޓުން މައްސަލަ ބަލައިގަތީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ މާޒީއަށް ގާނޫނު ނުހިންގުމުގެ ގާނޫނީ އުސޫލާ ހިފަށް ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
ދައުލަތުން ވަނީ ސުޕްރީމް ކޯޓުން ކުރިން ނިންމި ނިންމުމަކީ އިޖުރާއީ ގޮތުން ނިންމި ނިންމުމަކަށް ވާތީ އެ ނިންމުން ބާތިލުކޮށް މައުލޫއީ ގޮތުން އެ މައްސަލަ ބަލާ ނަމަ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށް އެދިފައެވެ.
އެކަމާ ގުޅިގެން ދީބާޖާގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި މައްސަލައެއް އެ ކޯޓަށް އަލުން ބެލޭނީ ކޮން ހަމައަކުން ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށާއި ކޯޓުތަކަށް ބާރު ލިބެނީ ވަކި އިމެއްގެ ތެރެއިން ކަމަށެވެ. އަދި ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހުއެވެ.
މި މައްސަލަ މުރާޖައާ ކުރުމަށް އެދުނުއިރު ސެޓްލްމަންޓް ކޮމިޓީގެ ތެރެއިން އެއްބަސްވެފައި ވަނީ ބަދަލުގެ ގޮތުގައި ދޭ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަ ކުރުމަށެވެ.