ބައިނަލްއަގުވާމީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ގުނާލެވޭ އެއް އެވޯޑް ކަމަށްވާ، ކޮންޑެ ނާސްޓް ޓްރެވެލާ "ރީޑާޒް" ޗޮއިސް ޓްރެވެލް އެވޯޑް، އަވަށްޓެރި ސްރީލަންކާގެ ގައުމީ އެއާލައިން – ސްރީލަންކަން އިން ކަށަވަރުކޮށްފިއެވެ.

ލަގްޒަރީ ފެންވަރުގައި ކުރާ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން ޝާއިއު ކުރަމުން އަންނަ މަޖައްލާ ކޮންޑެ ނާސްޓް ޓްރެވެލާއިން ކުރިއަށް ގެންދިޔާ ސޭވާއަށް ބަލާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޓް ކުރާ އެއާލައިންތަކުގެ ތެރެއިން ސްރީލަންކަން އެއާލައިންސްއިން ވަނީ 6 ވަނަ މަގާމު ކަށަވަރު ކޮށްފައެވެ. އެގޮތުން، ސްރީލަންކަން އެއާލައިންސްގެ އެންމެ ހާއްސަ ކަމަކީ، އެ އެއާލައިންގެ ބިޒްނަސް ކުލާހުގެ އަރާމު ކަމާ، ފަސެންޖަރުންނަށް ކެބިން ކުރޫއިން ދޭ ހާއްސަ ސަމާލުކަމުގެ އިތުރުން، ބޯޓު މަތީގައި ކާން ލިބޭ މީރު ކެއުންތައް ކަން ސާވާގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

ކޮންޑެ ނާސްޓް ޓްރެވެލާ "ރީޑާޒް" ޗޮއިސް ޓްރެވެލް އެވޯޑް ދިނުމުގައި މިފަހަރު ބެލި ކަންކަމުގެ ތެރޭގައި ދަތުރުފަތުރުގެ އާ އާންމު ހާލަތަށް އަހުލުވެރި ވެފައިވާ މިންވަރާ، ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެއާލައިންއިން އަޅަމުންދާ ފިޔަވަޅުތަކަށްވެސް ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

މި ސާވޭއަށް މައުލޫމާތު އެއްކޮށްފައި ވަނީ މިއަހަރުގެ އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް، ހާއްސަ ފީޗާތަކަކާއެކު ގާއިމުކޮށްފައިވާ ވެބްސައިޓެއް މެދުވެރިކޮށެވެ.

ސްރީލަންކަން އެއާލައިންސްއިން ކޮންޑެ ނާސްޓް ޓްރެވެލާ "ރީޑާޒް" ޗޮއިސް ޓްރެވެލް އެވޯޑް ކަށަވަރު ކުރުމާ ގުޅިގެން އެ މަޖައްލާއިން ބުނެފައިވަނީ، ސްރީލަންކަން އެއާލައިންސް މަގުބޫލު ވަނީ ހަމައެކަނި ލަންކާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނޫން ކަމަށާ، މި އެއާލައިންއަކީ، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ފަސެންޖަރުންގެ މެދުގައިވެސް އިންތިހާއަށް މަގުބޫލު އެއާލައިނެއް ކަމަށެވެ.

ސްރީލަންކަން އިން މިއަހަރުވެސް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮޕަރޭޓްކުރާ އެއާލައިންތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޕާޓާ ގޯލްޑް އެވޯޑްވެސް ކަވަރުކޮށްފައެވެ.