ލަގްޒަރީ ޓެކްނޮލޮޖީ ބްރޭންޑެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އެޕަލްގެ އެންމެ ފަހުގެ ސްމާޓްފޯނުތަކަކީ 5ޖީ ނެޓްވޯކްގައި ބޭނުން ކުރެވޭނެ ޑިވައިސްތަކެއް ކަން އެޕަލް ކުންފުނިން ކަށަވަރު ކޮށްދީފިއެވެ.

އެޕަލް ކުންފުނީގެ އައިފޯން 12ގެ ރޭންޖު ތައާރަފު ކުރުމަށް ރޭ ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓްގައި ދައްކާލި ބައެއް އުފެއްދުންތަކުގެ ތެރޭގައި، 5.4 އިންޗި ސްކްރީންއަކާ އެކު ތައާރަފުކުރި "މިނީ" މޮޑެލް ފާހަގަ ކުރެވެއެވެ.

ނިމިދިޔަ 2019 ވަނަ އަހަރަކީ ސްމާޓްފޯނުގެ ވިޔަފާރީގައި އެޕަލްއަށް ހިސާބެއްގެ ހީނަރުކަމެއް ގެނުވި އަހަރަކަށް ވީ ނަމަވެސް، އާ އުފެއްދުންތަކާއެކު އެ ކަން ފޫބެއްދުމުގެ ފުރުސަތު އެ ކުންފުންޏަށް އެބައޮތް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް ޓިމް ކުކް ބުނީ 5ޖީއާއިއެކު ޑައުންލޯޑްއާއި އަޕްލޯޑް ޕާފޯމަންސަށް އެދެވޭ ބަދަލުތަކެއް އަންނާނެއެވެ. އަދި ގޭމް ކުޅުމާއި، ރިއަލް-ޓައިމް މުއާމާލަތްތައް އެތައް ގުނައެއް ފުރިހަމަ ވާނެ ކަމުގެ ޔަގީންކަންވެސް ޓިކް ކުކް ވަނީ ދީފައެވެ.

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން އައިފޯން 12 ޕްރޯ / ފޮޓޯ: އެޕަލް އިންކް

މީގެ އިތުރުން، އެޕަލްގެ އާ އުފެއްދުންތަކުގެ ޑިޒައިނަށްވެސް ފާހަގަކޮށްލެވޭ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އައިފޯމް 12 ޕްރޯ މޮޑެލްގެ ފޯނުތައް ފަރުމާ ކޮށްފައިވަނީ އިހުނަށްވުރެ ބޮޑު ސްކްރީންތަކަކާއެކުގައެވެ. އަދި ފަނޑު އަލީގައިވެސް ފުރިހަމަ ފޮޓޯތަކެއް ނެގޭނެ ފަދަ ޓެކްނޮލޮޖީއާވެސް އެކުގައެވެ.

ހަމަ އެހެންމެ މި ފަހަރުގެ ރޭންޖާއެކު ޗާޖަރާއި ހެޑްފޯނު ނުލިބޭނެއެވެ. މިއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޕަލްއިން އެޅި ފިޔަވަޅެއް ކަމަށް ބުނެވެއެވެ.

އެޕަލް އިން ބުނާ ގޮތުގައި އައިފޯން 12 ގެ ސްކްރީންގައި ބޭނުންކޮށްފައި ވާނީ އެލްސީޑީގެ ބަދަލުގައި އޯލެޑް ޓެކްލޮނޮޖީއެވެ. މިއާއެކު 11 ޕަސެންޓަށް ޑިވައިސް ތުނިކޮށްލެވުނު ކަމަށްވެސް އެޕަލްއިން ބުނެއެވެ.

އެޕަލް އަކީ 5ޖީ ޓެކްނޮލޮޖީއަށް ސްމާޓްފޯނެއް ތައާރަފުކުރި ފުރަތަމަ ކުންފުންޏެއް ނޫނެވެ. 5ޖީ ޓެކްނޮލޮޖީއަށް ބިނާކޮށް ސްމާޓްފޯނެއް އެންމެ ފުރަތަމަ ތައާރަފުކުރީ، 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ސަމްސަންގެ ކުންފުނިންނެވެ. އެއަށްފަހު، ވާވޭ، ވަންޕްލަސް އަދި ގޫގްލްއިންވެސް ވަނީ 5ޖީ ޓެކްނޮލޮޖީއަށް ފުރުސަތު ދީފައެވެ.

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން އައިފޯން 12 މިނީ / ފޮޓޯ: އެޕަލް އިންކް

ނަމަވެސް އެޕަލްގެ ޕްރޮޑަކްޓްއާއިއެކު 5ޖީ ސްމާޓްފޯނަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ވަކާލާތު ކުރެވެއެވެ. އެގޮތުން 20 ގިގަބައިޓްގެ 4ކޭ ފިލްމެއް، އެންމެ 45 ސިކުންތުގެ ތެރޭގައި ޑައުންލޯޑްކޮށްލެވޭނެ ކަމަށް ބުނެވެއެވެ. ނަމަވެސް މިކަން ބަރޯސާވަނީ ފޯނު ބޭނުންކުރާ ސަރަހައްދެއްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކުން ހިދުމަތް ފޯރުކޮށްދޭ ފެންވަރެއްގެ މައްޗަށް ކަންވެސް އެޕަލް އިން ވަނީ އިންޒާރު ކޮށްފައެވެ.

އެޕަލް ކުންފުނިން އެންމެ ފަހުން މި ލޯންޗްކުރި އައިފޯން12 ސީރީޒްގެ އަގުތައް އުޅެނީ 649 ޑޮލަރާއި 1199 ޑޮލަރާ ދެމެދުގައެވެ.

އޮންލައިން ޕްލެޓްފޯމުގައި ރޭ ކުރިއަށް ގެންދިޔަ އިވެންޓުގައި އެޕަލްއިންވަނީ އެ ކުންފުނީގެ ސްމާޓް ސްޕީކަރުގެ އާ ވާޝަން – ހޯމްޕޮޑް މިނީވެސް ތައާރަފުކޮށްފައެވެ.