ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ ދަތުރުފަތުރު މެދުކަނޑާލަފައި އޮތް އޮތުމަށް ނިމުމެއް ގެންނަހާ އަވަހަށް، ޗައިނާގެ ފަތުރުވެރިން އެންމެ ފުރަތަމަވެސް ޒިޔާރަތް ކުރަން ފަށާނެ މަންޒިލަކީ ސްރީލަންކާ ކަމުގައި ހެދުމަށް އެ ގައުމުން އެދިފައިވާ އެދުމާ އެއްގޮތަށް، ކަންކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން، ޗައިނާއިން ސްރީލަންކާއަށް ދީފިއެވެ.

ދާދިފަހުން ޗައިނާގެ ސްރީލަންކާއަށް ޒިޔާރަތް ކުރެއްވި ޗައިނާގެ މަތީ ފެންވަރުގެ ވަފުދާ ސްރީލަންކާގެ ރައީސް ގޮތަބާޔަ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ދެމެދު ކުރިއަށް ގެންދެވި މަޝްވަރާތަކުގައިވެސް، ދޭދޭ ގައުމުގެ ފަތުރުވެރި ގުޅުން އިތުރަށް ބަދަހި ކުރުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޗައިނާ އެމްބަސީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ސްރީލަންކާގެ އެދިފައި ވާ އެދުމަށް ޗައިނާއިން ހާއްސަ ސަމާލުކަމެއް ދީ، ސީރިއަސް ގޮތެއްގައި އެކަމަށް ރިއާޔަތް ކުރަމުންދާނެ ކަމަށެވެ. އަދި ދެ ގައުމުގެ ޓުއާ އޮޕަރޭޓަރުންގެ މެދުގައި މިކަމާ އިތުރު މަޝްވަރާތަކެއް ކުރެވުން އެކަށީގެން ވާ ކަމަށްވެސް ޗައިނާ އެމްބަސީގެ ބަޔާނުގައިވެއެވެ.

ޗައިނާއާއި ސްރީލަންކާއަކީވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި ކާމިޔާބީތަކެއް ހޯދާފައިވާ 2 ގައުމު ކަމަށްވުމުން، ބަލިމަޑުކަމަށްފަހު ފަތުރުވެރިކަމަށް ހުޅުވާލާ ފުރަތަމަ ބުރުގައި ޗައިނާގެ ފަތުރުވެރިން ސްރީލަންކާއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ޗައިނާ އެމްބަސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު ޗައިނާގެ 260000 ފަތުރުވެރިއަކު ސްރީލަންކާއަށް ޒިޔާރަތް ކުރިއެވެ. ނަމަވެސް މުޅި ދުނިޔެ ސިއްސުވާލި ބޮމުގެ ހަމަލާއަށްފަހު، 2019 ވަނަ އަހަރު، މިއަދަދު ވަނީ 167000 އަށް ދަށަށް ގޮސްފައެވެ.