އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ (ޖީ-20) ގައުމުތަކުން ފަގީރު ގައުމުތަކަށް ދޫކޮށްފައިވާ ދަރަނި ހަލާސް ކުރުމުގެ މުހުލަތުން އަދި އިތުރު 1 އަހަރު މައާފު ކުރުމަށް، ޖީ-20ގެ ބައެއް ކްރެޑިޓަރުން ދެކޮޅު ކަމަށާ، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއާ ގުޅިގެން، ދަރަނި މައާފު ކުރުމުގެ މުހުލަތު ދެން އެންމެ ބޮޑަށްވެސް އިތުރު ކުރެވޭނީ 6 މަހެއްހާ ދުވަހަށް ކަމަށް ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މެލްޕާސް އިޝާރާތް ކުރައްވައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެލްޕާސް ވިދާޅުވީ، ދަރަނި ހަލާސް ކުރުމުގެ މުހުލަތު އިތުރު ކުރުމަށް ޖީ-20 އިން ތަންފީޒު ކުރަމުންދާ ޑީއެސްއެސްއައިގެ މުއްދަތު އިތުރު 1 އަހަރަށް އިތުރު ކުރުމަށް ޖީ-20ގެ ގައުމުތަކުން އަދި އިއްތިފާގުވެފައި ނުވާ ކަމަށެވެ. އަދި މި މުއްދަތަށް 1 އަހަރު އިތުރު ކުރުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ހުށަހަޅާފައިވާ ޑިމާންޑުތަކަށްވެސް ޖީ-20 އިން މިހާތަނަށް އިއްތިފާގުވެފައި ނުވާ ކަމަށާ، ދެ ފަރާތުންވެސް ކަންތައްތަކެއް ދޫކޮށްގެން، އެންމެ ދިގު މުއްދަތަކަށްވެސް އެއްބަސްވެވޭނީ އިތުރު 6 މަހެއްހާ ދުވަހުގެ މުހުލަތަކަށް ކަމަށް މެލްޕާސް ތަފްސީލު ކޮށްދެއްވިއެވެ.

ޖީ-20ގެ ގައުމުތަކުގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންގެ ހާއްސަ ވީޑިއޯ ކޮންފަރެންސްއެއް ބުދަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

ޖީ-20ގެ ގައުމުތަކުން ފަގީރު ގައުމުތަކަށް ދޫކޮށްފައިވާ ލޯނުތައް ހަލާސް ކުރުމުގެ މަސައްކަތް މި ހިނގާ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޑުޖައްސާލާފައި ބޭއްވުމަށް މެމްބަރު ގައުމުތަކުން ނިންމައިދީފައި އޮތް އޮތުމުގެ ސަބަބުން، 5 ބިލިއަނެއްހާ ޑޮލަރު ސަލާމަތް ކުރެވި، ކޮވިޑް-19ގެ އިޖާބައަށް ހެޔޮ ބަދަލެއް ގެނުވި ކަމަށް ވޯލްޑް ބޭންކުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މެލްޕާސް ވިދާޅުވީ އައިއެމްއެފްއާއި ވޯލްޑް ބޭންކުގެ ގުޅިގެން އެކްޝަން ޕްލޭނެއް ހުށަހަޅުއްވާނެ ކަމަށާ، މި އެކްޝަން ޕްލޭނަކީ، ފަގީރު ގައުމުތަކުން ދައްކާ ހަލާސް ކުރަންޖެހޭ ދަރަނީ ސްޓޮކް ކުޑަ ކުރުމަށް ބާރު ދެނިވި ޕްލޭނަކަށް ވާނެ ކަމަށެވެ.

މެލްޕާސް ވިދާޅުވީ، މި ވަގުތަކީ ދަރަނި ހަލާސް ކުރުމުގައި ލުއި ގޮތްތަކެއް ފަހި ކުރުމަށް އެދި، ފަގީރު ގައުމުތަކުގެ ލީޑަރުން ވަކާލާތު ކުރައްވަންވީ ވަގުތު ކަމަށެވެ.

ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފަގީރު ގައުމުތަކުން ޖީ-20ގެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ އަގު، 2019 ވަނަ އަހަރު ވަނީ 178 ބިލިއަން ޑޮލަރަށް އަރާފައެވެ. މީގެ 63 ޕަސެންޓް އަކީ ޗައިނާއަށް ދައްކަން ޖެހޭ ފައިސާއެވެ.

2013 ވަނަ އަހަރު ގައުމުތަކުން ޗައިނާއަށް ދައްކަން ޖެހުނު ދަރަނި ހިއްސާކުރީ 45 ޕަސެންޓް ކަމަށްވާއިރު، ގައުމުތަކުން ޗައިނާއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި ވަނީ، ތަރައްގީގެ ނަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ޗައިނާއިން ހިންގަން ފެށި "ބެލްޓް އެންޑް ރޯޑް" މަޝްރޫއުގެ ސަބަބުން ކަންވެސް ވޯލްޑް ބޭންކުން ހޯމަ ދުވަހު އާންމު ކުރި ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ.

ކަން މިހެން އޮތްއިރު، ދިވެހިރާއްޖެއިންވެސް ވަނީ ޖީ-20 ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގެ މުއްދަތު 2021ގެ ނިޔަލަށް އިތުރު ކޮށްދިނުމަށް އެދިފައެވެ.