މީގެ ހަފުތާއެއްހާ ދުވަސް ކުރިން، ކޮރޯނާވައިރަސް ޑިޒީޒް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އިއުލާން ކުރެއްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ހަށިކޮޅުން، އެހެން ބަޔަކަށް ވައިރަސް ފެތުރުމުގެ ނުރައްކަލެއް މިހާރު ނެތް ކަމަށް ވައިޓްހައުސްގައި މަސައްކަތް ކުރައްވާ ފިޒީޝަން ޑރ ޝޯން ކޮންލޭ ވިދާޅުވެއްޖެއެވެ.

ޑރ ކޮންލޭ މިކަން ހާމަ ކުރެއްވީ، ޓްރަމްޕްގެ ސިއްހީ ހާލުކޮޅާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހަށްފަހު ފުރަތަމަ ފަހަރަށް އާންމު ކުރެއްވި މެމޯއެއްގައެވެ.

މި މެމޯގައި ޑރ ކޮންލޭ ވިދާޅުވީ ޓްރަމްޕްގެ ހަށިކޮޅުގައި ހަރަކާތްތެރި ކަމާއެކު ވައިރަސް ނަކަލުވަމުން ނުދާ ކަމަށާ، ވައިރަހުގެ ލޯޑު ކުޑަވަމުން އަންނަ ކަމަށެވެ. ނަމަވެސް، ކޮވިޑް-19ގެ ނަތީޖާ ނެގެޓިވްވި ކަމަށް ބަޔާން ކުރައްވާފައެއް ނުވެއެވެ.

ޑރ ކޮންލޭގެ މެމޯ އާންމު ކުރެއްވުމުގެ ކުރިންވެސް ޓްރަމްޕް ވަނީ ސަޕޯޓަރުން ތަކަކާ ބައްދަލު ކުރައްވާ، އޭނާގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށާ، މިހާރު ކޮވިޑް-19އަށް އެއްވެސް ފަރުވާއެއް ބޭނުންފުޅު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވިކަން އިއުލާން ކުރެއްވުމަށްފަހު ޓްރަމްޕް ވަނީ 3 ދުވަހެއް ވަރު ވަންދެން އަސްކަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައެވެ. ނަމަވެސް އަދި އޭނާގެ ހަށިކޮޅުން، އިތުރު ބަޔަކަށް ބަލި ފަތުރަފާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ދަނޑިވަޅަކީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރިޔާސީ އިންތިހާބަށް އެންމެ ފޯރީގައި އެމެރިކާގައި ކެމްޕޭންތައް ކުރިއަށް ދާ ދަނޑިވަޅެވެ. ޓްރަމްޕްގެ ކެމްޕޭނުން މިހާރުވެސް ދަނީ ވަރުގަދަ އިވެންޓްތަކެއް ރާވަމުން ކަމަށް ޚަބަރު ލިބެއެވެ.