ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ސާވިސްގެ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ ދެ ކުޑަކުއްޖެއްގެ ކިބައިން، ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޖެންޑާއިން ބުނީ ޕޮސިޓިވް ދެ ކުދިން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އިރުޝާދުގެ ދަށުން ވަކި ފެސިލިޓީއަކަށް ގެންދިއުމަށްވަނީ ނިންމާއިފައިވާ ކަމަށާއި އެ ދެކުދިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މީގެ އިތުރުން ޖެންޑައިން ބުނީ ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށްވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޕީއޭ އަދި އެޗްއޯއީސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށައި އެކަމާއި ގުޅުން ހުރި އިދާރާތަކާއި، މޮނިޓާކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށްފަހު، ޕޮޒިޓިވްވި ކުދިންނާއި އެއް ފަންގިފިލާގައި ދިރިއުޅެމުންދާ ކުދިންނާއި އެ ކުދިން ބެލެހެއްޓުމަށް ތިއްބެވި ކެއާ ވޯކަރުންނާއި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އެހެން ކުދިންނާއި ބައްދަލު ނުވާނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ކުޑަކުދިންގެ ހިޔާއަށް ވަދެނިކުމެ އުޅުން މިވަގުތައް މެދުކަނޑާލާފައިވާ ކަމަށްވެސް ޖެންޑާއިން މައުލޫމާތު ދެއެވެ.

ކުޑަކުދިންގެ ހިޔާއިން ޕޮޒިޓިވް ވެފައިވާއިރު، މި މަހުގެ 7 ވަނަ ދުވަހު ވަނީ ޖެންޑާގެ ބަލުމުގެ ދަށުގައި ހުޅުމާޅޭގައި ހުންނަ ފިޔަވަތިންވެސް ވަނީ ކޮވިޑްގެ 13 ކޭސް ވަނީ ފެނިފައެވެ.