ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދާ ކުރައްވަން ޖެހޭ ޒިންމާތަކާ ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެއްވުމަށް، އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ނަފްސާނީ ގޮތުން "ފިޓް" ތޯ ބެލުމަށް، ކަމާ ގުޅުންހުރި ތަހުގީގުތައް ހިންގުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދުކޮޅު ޑިމޮކްރަޓިކް މެމްބަރުން ހުށަހަޅުއްވައިފިއެވެ.

ކޮންމެހެން ކުރަންޖެހިއްޖެ ހިނދެއްގައި، ގާނޫނީ އިމުގެ ތެރެއިން އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލު ކުރެވެން ހުރި ގޮތްތަކެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ޑިމޮކްޓަރަކުން ވަނީ އަމާޒު ހިފާފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ސޯލް ލޮއޭބް

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް)ގެ ރައީސާ އަދި އިދިކޮޅު ޑިމޮކްޓަރިކް މެމްބަރު ނޭންސީ ޕެލޯސީ ވިދާޅުވީ، މަގާމުގެ މައްސޫލިއްޔަތުތައް އަދާކުރެއްވުމަށް ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުކުޅެދިއްޖެ ހިނދެއްގައި، ގައުމުގެ އެންމެ މަތީ ބާރު، ނައިބު ރައީސްއަށް ލިބޭ ގޮތަށް އެމެރިކާގެ ގާނޫނު އަސާސީއަށް ގެނައި 25 ވަނަ އިސްލާހާ ގުޅުންހުރި ބިލެއް، ޑިމޮކްރަޓިކް މެމްބަރުން ހުށަހަޅުއްވާފައި ވާ ކަމަށެވެ.

ޕެލޯސީ ވިދާޅުވާ ގޮތުގައި މި ބިލަކީ ގައުމު ހިންގުމުގެ އެގްޒެކެޓިވް ބްރާންޗްގެ އެންމެ މަތީ ލީޑާޝިޕްގެ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ދާނެ ކަން ކަށަވަރު ކުރުމަށް ބާރު ލިބިދޭ ގޮތަށް ފަރުމާ ކޮށްފައި ވާ ބިލެއް ކަމަށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވައިޓްހައުސް ބެލްކަންޏަށް އަރާވަޑައިގެން މާސްކު ނަންގަވަނީ / ފޮޓޯ: ދަ ކްރޮނިކަލް

މިފަދަ ބިލެއް ތައާރަފުކޮށް މިކަމަށް ބާރު ދިނުމަށް ޑިމޮކްރަޓިކް މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅަކީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް، ޓްރަމްޕް ޕޮޒިޓިވްވެފައިވާ ދަނޑިވަޅެކެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވުމަށްފަހު ޓްރަމްޕް ދެއްކެވި ބައެއް ވާހަކަފުޅުތަކާ ގުޅިގެން ޕެލޯސީ ވަނީ، "ހަގީގީ ދުނިޔެއިން" އެއްކިބާވުމުގެ ބިރު ޓްރަމްޕަށް ކުރިމަތިވެފައި ވާކަމަށް ތުހުމަތު ކުރައްވާ، އެއީ ނުރައްކާތެރި ކަމެއް ކަމުގެ އިންޒާރު ދެއްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) އަދި ނައިބު ރައީސް މައިކް ޕެންސް/ފޮޓޯ: އެންވައިޕީ

ޕެލޯސީގެ މިމަސައްކަތަށް ޓްރަމްޕާ، ވެރިކަން ކުރާ ރިޕަބްލިކަންސްގެ ފަރާތުން ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ވެފައެވެ. އެގޮތުން، "އޮބްޒަވޭޝަނަށް" ލާންޖެހޭ މީހަކީ ޕެލޯސީ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ޓްވީޓެއް ކުރައްވާފައެވެ. ހައުސްގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަން މެމްބަރު މާކް ގްރީންވެސް ވަނީ، ޕެލޯސީ، ބަގާވާތެއް ކުރައްވަން އުޅުއްވާ ކަން ދޭހަ ވާ ފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައެވެ.

މި ދުވަސްވަރަކީ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިހާބަށް އެންމެ ފޯރީގައި އެމެރިކާގައި ކެމްޕޭންތައް ކުރިއަށްދާ ދުވަސްވަރުކަން ފާހަގަކުރަންޖެހެއެވެ.