ކުރީގެ މަޝްހޫރު ރެސްލިންގް ތެޅުން ތެރިޔާ އަދި ވިޔަފާރިވެރި ހޮލީވުޑް ތަރި، ޑްވޭން "ދަ ރޮކް" ޖޯންސަންގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރާ މީހުންގެ އަދަދު، 200 މިލިއަންގެ ފާހަގަ ހުރަސް ކޮށްފިއެވެ.

"ދަ ރޮކް" އަކީ މިހާރު އިންސްޓަގްރާމްގައި އެންމެ މަގުބޫލު އެމެރިކާގެ ޝަހްސަށް ވަނީ ވެފައެވެ.

200 މިލިއަން ފޮލޯވާޒް ހަމަވުމާއެކު އިންސްޓަގްރާމްއަށް ދޫކޮށްލި ޕޯސްޓެއްގައި "ދަ ރޮކް" ވަނީ ތެދުބަހުން ވާހަކަ ދެއްކުމަށާ، އަނެކާއަށް އިހުތިރާމް ކޮށް، ކަމޭ ހިތުން އިސް ކުރުމަށް ގޮވާލާފައެވެ.

"ދަ ރޮކް"ގެ އިންސްޓަގްރާމް ފޮލޯ ކުރާ މީހުންގެ އަދަދު 200 މިލިއަންގެ ފާހަގަ ހުރަސް ކޮށްފައި މިވަނީ، އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއާއި ސެނެޓާ ކަމަލާ ހެރިސްގެ ކެންޑިޑަސީ ގަބޫލުކުރާކަން އޭނާ ހާމަ ކުރުމާއެކުގައެވެ.

އިންސްޓަގްރާމްގައި މިއަދު 200 މިލިއަނަށްވުރެ ގިނަ މީހުން "ދަ ރޮކް" ފޮލޯ ކުރަމުންދާއިރު، އެކި ޕްލެޓްފޯމުތަކުގައި 300 މިލިއަނަށްވުރެ ގިނަ މީހުން އޭނާ ފޮލޯ ކުރެއެވެ.