މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ކާރިސާގައި، ވަކި އިތުރު ނަފްސާނީ މައްސަލަތަކެއް ކުރިމަތި ނުވާ ކަމަށް، މެލޭޝިއާގައި ކުރިއަށް ގެންދިޔަ ސާވޭއެއްގެ 47 ޕަސެންޓް ބައިވެރިން ބުނެފިއެވެ.
މަލްޓިނޭޝަނަލް މާކެޓް ރިސާޗް ކުންފުންޏެއް ކަމަށް އިޕްސޮސް އިން ކުރިއަށް ގެންދިޔަ ސާވޭގެ ނަތީޖާއަށް ބަލާއިރު، 9 ޕަސެންޓް މީހުން ވަނީ، މި ބަލިމަޑުކަމުގެ ތެރޭގައި އިތުރު އުފަލެއް ލިބުނު ކަމަށްވެސް ބުނެފައެވެ.
އިޕްސޮސް ގެ މި ސާވޭއަކީ، ސެޕްޓެމްބަރު މަހުގެ 18 އިން 22 ވަނަ ދުވަހުގެ ނިޔަލަށް، އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސާވޭއެކެވެ. މިއީ ދެކުނު-އިރުމަތީ އޭޝިއާގެ ގައުމުތަކުން ޖުމުލަ 3000 އެއްހާ މީހުން ހިމެނޭނެ ހެން، ކޮންމެ ގައުމަކުން 500 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ސާވޭއެކެވެ.
ސާވޭގެ އިތުރު ހޯދުމަކަށް ބަލާއިރު، މެލޭޝިއާގެ 39 ޕަސެންޓް މީހުން ވަނީ ކޮވިޑް-19ގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދެރައެއް އިހުސާސް ވި ކަމަށް ބަޔާންކޮށްފައެވެ. އަދި 7 ޕަސެންޓް މީހުން ވަނީ، އެމީހުންނަކީ އަބަދުވެސް އެފަދަ އިހުސާސްތަކެއް ކުރާ ބައެއްކަން ފާހަގަކޮށްފައެވެ.
އިޕްސޮސްގެ ސާވޭ ދައްކާ ގޮތުގައި، ދެކުނު-އިރުމަތީ އޭޝިއާ ސަރަހައްދުގައި، ކޮވިޑް-19ގެ ސަބަބުން، ނަފްސާނީ ގޮތުން ހިތްދަތިކަމާ ކުރިމަތިލާން ޖެހުނު މީހުންގެ އާބާދީ އެންމެ ބޮޑީ ފިލިޕީންސްގައެވެ. މި ސާވޭގައި ފިލިޕީންސްއިން ބައިވެރިވި މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ވަނީ ނަފްސާނީ ގޮތުން ނިކަމެތި ކަން އިހުސާސް ވި ކަމަށް ބަޔާންކޮށްފައެވެ. ފިލިޕީންސްގެ ފަހަތުން ދެން އޮތީ ސިންގަޕޫރު (57 ޕަސެންޓް)، ވިއެޓްނާމް (54 ޕަސެންޓް) އަދި އިންޑޮނޭޝިއާ (50 ޕަސެންޓް) އެވެ.
ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ ޖޯލް ލޯ ވިދާޅުވާ ގޮތުގައި މެލޭޝިއާއިން ލިބުނު ނަތީޖާތަކުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ، މެލޭޝިއާއަކީ އަމިއްލަ ނަފުސުގެ ބަދަލުގައި އަނެކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަގާފަތެއް އޮތް ތަނަކަށް އެ ގައުމުވުމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިލާންޖެހުނު ނަފްސާނީ ތަކުލީފުތަކަށް މިކަމުން ލުއި ލިއްބައިދިނުމުގެ ފުރުސަތު ބޮޑު ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އިޕްސޮސް އިން ކުރިއަށް ގެންދިޔަ އިތުރު ސާވޭއަކަށް ބަލާއިރު، މެލޭޝިއާގެ 55 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި، އުފާވެރި ކަމުގެ މައިގަނޑު މަސްދަރަކީ ދުޅަހެޔޮ ސިއްހަތާއި ޖިސްމާނީ ގޮތުން ހެލިފެލިވުމެވެ.
މާދަމާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ، "ނަފްސާނީ ބަލީގެ" ދުވަހެވެ.