ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޮނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިންގެ ދުވެލި އަވަސްކޮށް، އިންސާފުވެރި އުސޫލަކުން އިންސާނީ ދަރިފަސްކޮޅަށް ވެކްސިން ފޯރުކޮށްދިނުމުގެ މަގުސަދުގައި އދއިން އެކުލަވާލާފައިވާ "ކޮވެކްސް" މަޝްރޫއުގައި، މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރެކޯޑް ކުރަން ފެށި ޗައިނާއިން ބައިވެރިވެއްޖެއެވެ.

ޗައިނާ ހާރިޖިއްޔާގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވިދާޅުވީ، "ކޮވެކްސް" މަޝްރޫއުގައި ޗައިނާއިން ބައިވެރިވުމަކީ، ކޮވިޑް-19ގެ ވެކްސިނަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެންމެނަށްވެސް ލާބަ ލިއްބައިދެނިވި އެއްޗަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޗައިނާގެ މައްޗަށް އޮތް އިޖުތިމާއީ ހިއްސާ އަދާ ކުރުމުގެ ރޫހު ނެގެހެއްޓުމަށް، އެ ގައުމުން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

"ކޮވިޑް-19 ވެކްސީންސް ގްލޯބަލް އެކްސެސް ފެސިލިޓީ" (ކޮވެކްސް) އަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްވެއޮވެ، އެޕިޑެމިކް ޕްރެޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ) އާއި ވެކްސިން އެލާޔަންސް ގާވީގެ އިއްތިހާދީ މަޝްރޫއެކެވެ. މި މަޝްރޫއަކީ، 2021 ވަނަ އަހަރު ނިމޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ކޮވިޑް-19ގެ ވެކްސިންގެ 2 ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ.

"ކޮވެކްސް" އިން އަމާޒު ހިފާފައި ވަނީ، ރައްކާތެރި އަދި ކާމިޔާބު 3 ވެކްސިނެއް ތަރައްގީކޮށް، މަޝްރޫއުގެ ބައިވެރިނަށް ފޯރުކޮށްދިނުމަށެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވަނީ، މި އަހަރު ނިމެން ވާއިރަށް، އެންމެ މަދުވެގެން 15 ބިލިއަން ޑޮލަރުގެ ފަންޑެއް، މި މަޝްރޫއަށް ބޭނުންވާކަން އިއުލާން ކުރައްވާފައެވެ.

ޗައިނާގައި އުފާފާޅުކުރުންތަކެއް ކުރިއަށްދަނީ/ފޮޓޯ: ޝީންހުއާ ނިއުސް

ޗައިނާއަކީ "ކޮވެކްސް" މަޝްރޫއުގައި މިހާތަނަށް ބައިވެރިވި އެންމެ ވަރުގަދަ އިގުތިސޯދެވެ. އެމެރިކާއާއި ރަޝިއާއިން އަދި މި ޕްލޭންގައި ބައިވެރިވެފައެއް ނުވެއެވެ.

ޗައިނާއަކީ ވެކްސިންގެ ރޭހުގައި ކުރީގައި އުޅޭ ގައުމެއްކަން ފާހަގަކުރަންޖެހެއެވެ. ޗައިނާއިން މިހާރުވެސް ވަނީ ތަހުލީލީ މަރުހަލާގައިވާ ވެކްސިންތަކެއް، އެގައުމުގެ އެތައް ސަތޭކަ ހާސް ރައްޔިތުންނަކަށް ފޯރުކޮށްދީފައެވެ. ޗައިނާގައި ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް ގޮސްފައި ވާ ހިސާބަށް ބަލާއިރު، އެންމެ ފަހުގެ ޓެސްޓު މަރުހަލާތަކުގައި 3 ވެކްސިނެއް އޮތްކަމަށް ޚަބަރު ލިބެއެވެ.

ޗައިނާގެ ސަރުކާރުން ވަނީ، އަންނަ މަހުގެ ތެރޭގައި ވެކްސިނެއް ލިބޭ ވަރު ވާނެ ކަމަށް އިއުލާން ކޮށްފައެވެ. ހުއާ ވިދާޅުވާ ގޮތުގައި، ޗައިނާއިން ވެކްސިން ފޯރުކޮށްދިނުމުގައި އިސްކަން ދޭނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށެވެ.