ދުނިޔޭގައި ވަރަށް މަދުން ފެންނަ ކަނޑޫ ގަހުގެ ބާވަތެއް ރާއްޖެއިން ފެނިއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކަނޑޫގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" ގަސް ރާއްޖެއިން ފެނުނީ މި އަހަރުގެ މާޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިކޮލޮޖިކަލް ސާވޭގައި އެރަށުގެ ކުޅީގެ ސަރަހައްދުން ކަމަށެވެ. އެގޮތުން އެސަރަހައްދުގައި އެބާވަތުގެ 4 ގަސް ފެނިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ސާވޭ ކުރިއަށްގެންދިޔައީ ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫއެސްއޭއައިޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) މޯލްޑިވްސްއާ ގުޅިގެން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކެލައިން ފެނުނު ކަނޑޫ ގަހުގެ ބާވަތް

އެ ސާވޭއަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެނެ ކުރިއަށް ގެންދެވުނު ސާވޭއެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިން ވަނީ 14 ބާވަތެއްގެ ކަނޑޫ ގަސް ފެނިފައެވެ. މިނިސްޓްރީން ބުނީ ކެލާއިން އެ ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ހާއްސަ ސިފައެއް ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ މީގެ ކުރިން ކުރެވިފައިވާ ސާވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައިވެސް 2010 ވަނަ އަހަރާއި ހަމައަށް ހުރީ، އެބާވަތުގެ ބޮޑުވެފައިވާ އެންމެ 200 ގަސް ކަމަށެވެ.