ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްދަކު މެލޭޝިއާގައި މަރުވެފައިވާ ކަމަށް ބުނެ ފެތުރުނު ހަބަރަކީ ދޮގެއް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްސަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

އަދި މެލޭޝިއާގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސްވިކަމުގެ ރިޕޯޓެއްވެސް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީ ބުނެއެވެ.

މެލޭޝިއާގައި ދިވެއްސަކު މަރުވެގެން އުޅޭ ކަމަށް ބުނެ ވަނީ ސޯޝަލް މީޑިއާގައި ވަނީ މައުލޫމާތު ފަތުރާފައެވެ. އެގޮތުން އެ މީހާ މަރުވެފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ހާލު ސީރިއަސް ވެގެން ކަމަށާއި ޕޮޒިޓިވްވި މީހާގެ އަންހެނުންނާއި ދެ ކުއްޖަކުވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެ ވަނީ މައުލޫމާތު ފަތުރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ މަރުވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު މަރުވެފައި ވާއިރު، އެމީހުން މަރުވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ބޭރުގައި ކޮވިޑް ޖެހިގެން އެއްވެސް ދިވެއްސަކު މަރުވެފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވި ނަމަވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ ދިވެހިން ޕޮޒިޓިވް ވެފައިވާ ކަމަށް އާސަންދައިނބް މީގެ ކުރިން ވަނީ ބުނެފައެވެ.