އިންޑިއާގެ އާންމު މަސްރަހު އަނެއްކާވެސް ނުތަނަވަސް ކަމެއްގެ ތެރެއަށް ވައްޓާލާފައި ވާ "ހަތުރާސް ރޭޕް" ކޭހުގައި ތުހުމަތު އަމާޒުވާ އެންމެ ވަރުގަދަ އެކާ، އެ އަމަލުގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކޮށްފައިވާ 19 އަހަރުގެ ޒުވާނާގެ އާއިލާގެ މެމްބަރަކާ ދެމެދު ވަރަށް ފަހުން، ގިނަ އަދަދެއްގެ ފޯނު ކޯލުތަކެއް ކޮށްފައި ވާ ކަމުގެ ހެކި އެބަހުރި ކަމަށް، މި ކޭސް ތަހުގީގު ކުރަމުންދާ ޓީމުން ބުނެފިއެވެ.

ފުލުހުންގެ މަސްދަރުތަކަކާ ހަވާލާދީ، އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ މޯބައިލް ނަމްބަރުން، މަރުވި ޒުވާނާގެ ބޭބެގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރަކަށް، 5 މަސް ދުވަހުގެ ތެރޭގައި 100 އެއްހާ ފަހަރު ގުޅާފައި ވާކަމަށް، ކޯލް ޑީޓެއިލް ރެކޯޑް (ސީޑީއާރް) އިން ދައްކައެވެ.

މި ރެކޯޑްތަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ހާމަކޮށްފައި ވާ ގޮތުން، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި މި އަހަރުގެ މާޗް މަހާ ދެމެދު، މި ދެ ނަމްބަރާ ދެމެދު، ޖުމުލަ 5 ގަޑިއިރުގެ މުއާމާލަތު ހިންގާފައި ވެއެވެ. ބައެއް ކޯލުތަކުގައި އެތައް މިނެޓެއް ހޭދަވެފައި ވާކަމަށްވެސް ދައްކައެވެ. ފުލުހުން މިހާރު ދަނީ، މިކަމުގައި ބޭބެ ބުނަން އޮތް އެއްޗެއް ބަލާ، ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި މީހަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ގޭންގު ރޭޕްގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވާ މީހުންނަކީ، ޝިކާރައަކަށްވި ޒުވާނާގެ އާއިލާއާއި ގާތް ގުޅުންތަކެއް އޮންނަ ބައެކެވެ.

ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު، އުއްތަރަޕްރަދޭޝްގެ ހަތުރާސް ޑިސްޓްރިކްޓްގައި ހިންގި ކަމަށް ބުނާ ގޭންގު ރޭޕުގެ ޖަރީމާގައި ހައްޔަރު ކޮށްފައިވަނީ ފަންތީގެ ފަރަގު އިންތިހާއަށް އޮންނަށް އިންޑިއާގައި އެންމެ ގަދަރުވެރި އެއް ގިންތީގެ ގޮތުގައި ބަލާ "ޓާކޫރު" ގިންތިއަށް ނިސްބަތް ވާ މީހުންނެވެ. ގޭންގު ރޭޕުގެ ޖަރީމާއިން ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި 19 އަހަރުގެ ޒުވާނާ އަކީ، އެންމެ ދަށް ފަންތިއަށް ނިސްބަތްވާ ޒުވާނެއް ކަމަށް މައުލޫމާތު ލިބެއެވެ.