މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް 57 ފޯމު ހުށަހަޅާފައިވާކަން ހާއްސަ އިނާމާބެހޭ ކޮމިޓީން ހާމަކޮށްފިއެވެ.

އިނާމަށް ހުށަހެޅި ފަރާތްތައް އިނާމަށް ޝަރުތު ހަމަވޭތޯ ބެލުމާއި، ފޯމުތައް ދިރާސާ ކުރުމުގެ މަސައްކަތް އެކޮމިޓީން މިހާރު ދަނީ ކުރަމުންނެވެ. ހާއްސަ އިނާމު މިއަހަރު ދިނުމަށް ހަމަޖެހިފައި ވަނީ މައިގަނޑު 4 ގިންތިއަކުންނެވެ. ހާއްސަ އިނާމަށް މިއަހަރު ހުށަހެޅި 57 ފޯމު ހުށަހަޅާފައިވަނީ މި 4 ގިންތީގެ ތެރެއިން 3 ގިންތިއަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، އިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަގްސަދުގައި ދޭ އިނާމެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ.

އެގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ. މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް އިނާމު ލިބޭގޮތަށް މިދިޔަ އަހަރުން ފެށިގެންވަނީ ހަމަޖައްސާފައެވެ.

ދެވަނަ ގިންތިއަކީ، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ. އަދި ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ.

މީގެކުރިން ދިން ގިންތި ތަކުގެ އިތުރުން، ހަތަރުވަނަ ގިންތީގެ ގޮތުގައި، މިއަހަރު އިތުރު ގިންތިއެއް ވަނީ ހިމަނާފައެވެ. އެގޮތުން ހާއްސަ އިނާމާބެހޭ ކޮމިޓީން އިތުރުކުރި ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ. މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.