ކެވިން ޓައިރެލް އަކީ އެތިޓޮއިޑް (ޑިސްކައިނެޓިކް) ސެރެބްރަލް ޕަލްސީ ޕޭޝަންޓެއް ކަން އެނގުނީ އޭނާގެ އުމުރުން އެންމެ 3 މަހުގައެވެ. އުމުރުގެ އެހެން ކުދިންނާ އަޅާ ބަލާއިރު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ކަމުގައި ވީ ނަމަވެސް ކެވިންގެ ދިރިއުޅުމުގެ އަޒުމު ވަރުގަދައެވެ. މިއަދު އުމުރުން 24 އަހަރުގެ މި ޒުވާނާއަކީ ލިޔުންތެރިއެކެވެ.

ސެރެބްރަލް ޕަލްސީ (ސީޕީ) އަކީ ޖިސްމާނީ ނުކުޅެދުންތެރި ކަމެކެވެ. ޑރ ޢަބްދުލްޢަޒީޒު ހަމީދު ތަފްސީލު ކޮށްދެއްވާފައިވާ ގޮތުގައި މިއީ ހަށިގަނޑު ހަރަކާތްކުރުމާ، ހަމަ ހިފެހެއްޓުމާ، ހަށިގަނޑު އެއްގޮތަކަށް (ސީދަލަށް) ބެހެއްޓުމަށް ހުރަސްއަޅާ (އަސަރުކުރުވާ ނޫނީ ބާރުފޯރުވާ) ބައްޔެކެވެ. ނޫނީ ހަށިގަނޑުގެ ހަރަކާތްކުރުމާއި، ހަމަހިފެހެއްޓުމާއި، ހަށިގަނޑުގެ ބެހެއްޓޭގޮތުގައި ހުންނަ އުނިކަމަކުން ދިމާވާ ބައްޔެކެވެ. އާންމުކޮށް މިދެންނެވި އުނިކަން ދިމާވަނީ އުފަންވުމުގެ ކުރިންނެވެ.

އާދައިގެ މިންވަރަކަށް ސެރެބްރަލް ޕަލްސީ ހުންނަ ކުދިންނަށް އުދަނގުލުން ނަމަވެސް ހިނގާބިނގާވެ އުޅެވިދާނެ / ފޮޓޯ: މައިސީޕީޗައިލްޑް

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ސީޕީ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައި ވަނީ "މޭކް ޔޯ މާކް" މި ޝިއާރެވެ. ދުވަހުގެ ޝިއާރުގައި ވާ ގޮތަށް، ކެވިންވެސް ދަނީ އޭނާގެ ނިޝާން، މި ދުނިޔޭގައި ޖަހަމުންނެވެ. ދުނިޔޭގައި، އޭނާގެ "ނިޝާން ޖެހުމަށް" ކެވިން ބޭނުން ކުރަނީ އޭނާގެ ނޭފަތެވެ.

ސީޕީއާއިއެކު ކެވިންއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، އަތްފައިގެ ހަރަކާތްތެރިކަމުން ވަނީ މަހްރޫމުވެފައެވެ. ފުރޮޅުލީ ގޮނޑީގައި އިންނަ ކެވިންއަށް އަތުގެ އެހީގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ނަސީބެއްވެސް ނެތެވެ. ނަމަވެސް، އެވަރުންވެސް އޭނާގެ ހިތްވަރެއް ދުލެއް ނުކުރިއެވެ.

"އުމުރުން އެންމެ 10 އަހަރުގައި އަހަރެންނަށް ހެޑްޕޮއިންޓާ ތައާރަފުކޮށްދިނީ އަހަރެންގެ އޮކިއުޕޭޝަނަލް ތެރަޕިސްޓް. އެކަމަކު އެ ބޭނުން ކުރީމަ ބޮލުގަ ރިއްސަން ފެށީ. ދެން އެއްދުވަހަކު ނޭފަތް ބޭނުންކުރަން ފެށިން. އެހިސާބުން އެނގުނު، ނޭފަތް ބޭނުން ކުރަން މާ ފަސޭހަ ކަން"، އޭނާގެ "ނިޝާން ޖެހުމަށް" ނޭފަތް ބޭނުން ކުރަން ފެށުނު ގޮތް ކިޔައި ދެމުން ކެވިން ބުންޏެވެ.

ގޮނޑީގައި އިށީނދެ އިންނަ ގޮތަށް އިނދެގެން، ނޭފަތުން ޓައިޕް ކުރުމަށް ކެވިން ފަރިތައެވެ.

ކެވިންގެ އުއްމީދަކީ، ދުނިޔެ ދަންނަ ވަރުގެ ކާމިޔާބު ލިޔުންތެރިއަކަށް ވުމެވެ. އޭނާގެ ނަސޭހަތަކީ އާ ހިޔާލު ތަކަކަށް ސިކުނޑި ހުޅުވާލުމެވެ. ކުދިކުދި ބަދަލުތަކާއެކު ބިނާކުރަނިވި ބަދަލެއް ގެނެވިދާނެ ކަން އޭނާ އަންގައިދޭން ބޭނުންވެއެވެ.

ސެރެބްރަލް ޕަލްސީ އަކީ ދުވަސްވާވަރަކަށް ވަކި އިތުރަށް ގޯސްވަމުންދާނެ ބައްޔެއް ނޫން / ފޮޓޯ: ކެއާރިންގްފޮޗައިލްޑްވިތުސީޕީ

ސެރެބްރަލް ޕަލްސީ ކުރިމަތިވަނީ ސިކުނޑި ރަގަޅަށް ނުއުފެދުމުންނެވެ. ނުވަތަ ސިކުނޑި އުފެދެމުން އަންނައިރު ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތައް ކޮންޓްރޯލްކުރުމުގެ ގާބިލިއްޔަތަށް އަސަރު ކުރެއެވެ.

ކުޑަކުދިންގެ މެދުގައި އެންމެ އާންމު ނުކުޅެދުންތެރިކަމަކީވެސް މިއީ ކަމަށްވާއިރު، ހެލިފެލިވެ އުޅުމަށް ދާއިމީ ހުރަސްތަކަކާވެސް ކުރިމަތިކުރުވައެވެ. ސީޕީއާއިއެކު ކުރިމަތިލާންޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ.

ސީޕީ ހުންނަ:

  • ކޮންމެ 4 ކުއްޖަކުން 1 އަށް ވާހަކަ ނުދެއްކޭ
  • ކޮންމެ 4 އިން 1 އަށް ނުހިނގޭ
  • ކޮންމެ 2 އިން 1 އަކީ ފިކުރީ ނުކުޅެދުންތެރިކަމެއް ތަހައްމަލު ކުރާ ޕޭޝަންޓެއް
  • ކޮންމެ 4 އިން 1 އަށް އެޕިލެޕްސީގެ ނުރައްކާ ތަހައްމަލު ކުރަންޖެހޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 17 މިލިއަނެއްހާ ސީޕީ ޕޭޝަންޓުން އެބަތިއްބެވެ. 350 މިލިއަނެއްހާ މީހުންނަކީ ސީޕީ ޕޭޝަންޓަކާ ގާތުން ގުޅިފައިވާ ބައެކެވެ.