ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ވައިޓް ޑައިމަންޑް (ހުދު ހީރާ) އެއް، ތާރީހު ނުދެކޭ ފަދަ އާދަޔާ ހިލާފު ގޮތަކަށް ނީލަމެއްގައި ވިއްކާލައިފިއެވެ.

102-ކެރަޓްގެ މި ވައިޓް ޑައިމަންޑް، ނީލަމުގައި ވިއްކާލާފައިވަނީ 15.7 މިލިއަން ޑޮލަރަށެވެ.

މި ޖަވާހިރު ގަތީ ކާކު ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ބިޑް ކާމިޔާބު ކުރީ ފޯނު މެދުވެރިކޮށް ބިޑް ކުރި މީހެއް ކަމަށް ޚަބަރު ލިބެއެވެ.

ސޮތީބީޒްއިން ހޮންގްކޮންގްގައި މި ނީލަން ކުރިއަށް ގެންދިޔައީ އޮންލައިން ޕްލެޓްފޯމެއްގައެވެ.

މި ޖަވާހިރަކީ، 2018 ވަނަ އަހަރު ކެނެޑާގެ މައިންއަކުން ނެގި 271 ކެރެޓްގެ ޖަވާހިރުގެ ބައެކެވެ.

ޖަވާހިރު ނީލަށް ކިއުމުގެ ތާރީހަށް ބަލާއިރު، މި ކޮލިޓީގެ ޖަވާހިރުތަކުގެ ތެރެއިން 100 ކެރެޓް ހަމަވާ ޖަވާހިރެއް ނީލަން ކިޔާފައި ވަނީ އެންމެ 7 ފަހަރުއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އޮންލައިން ޕްލެޓްފޯމުގައި ކުރިއަށް ގެންދިޔަ ނީލަމުގައި ވިއްކާލި މި ޖަވާހިރު ވިއްކާލަންވީ އެންމެ ދަށް އަގެއް ކަނޑައަޅާފައެއް ނުވެއެވެ. މިއީ މިފަދަ ގޮތަކަށް ނީލަމެއްގައި ޖަވާހިރެއް ވިއްކާލި ފުރަތަމަ ފަހަރެވެ.

ބޮޑެތި ނީލަންތަކުގެ ވިޔަފާރީގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ސޮތީބީޒްއިން ބުނީ، މި ޖަވާހިރުގެ އާދަޔާ ހިލާފު ރީތިކަން ބަޔާންކޮށްދިނުމަކީވެސް ފަސޭހަ ކަމެއް ނޫން ކަމަށް ބުނެފައެވެ.