ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އައް އައްޔަން ކުރުމަށް އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވައިލި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމްގެ ނަން ރައްޔިތުންގެ މަޖިލީހަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޅ. ނައިފަރު، ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އެ މަގާމަށް އައްޔަނު ކުރުމަށް ފޮނުއްވާ ކަމަށެވެ.

ރައީސް ވަނީ އެ މައްސަލަ އާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތަކަށް ފާސްކޮށް ދިނުމަށްވެސް އެދިވަޑައިގެންފައެވެ.

ގާސިމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އަށް މަހާއި 12 ދުވަހަށް ޖަލަށްވެސް ލައިފައެވެ. ހުކުމް ތަންފީޒު ކުރުވައި، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.

އެންއައިސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތިން ނަމަކަށް އިސްކަން ދެއްވާވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މެންބަރަކު އައްޔަނު ކުރާނީ މަޖިލީހުން ފާސްކޮށްފައި ރައީސަށް ފޮނުވުމުންނެވެ.