އިންޑިއާގެ އުއްތަރަޕްރަދޭޝްގެ ހަތުރާސް ސްޓޭޓްގައި މިދިޔަ މަހު ރޭޕްގެ ޝިކާރައަކަށްވެ، ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް، އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖާ މަރުވި މައްސަލައިގެ ތަހުގީގު، އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

"ހަތުރާސް ރޭޕް" ގެ ގޮތުގައި އިންޑިއާ މީޑިއާއިން ސިފަކުރަމުން އަންނަ މި ކޭހާ ގުޅޭ ތަހުގީގުތައް ސީބީއައިއިން ކުރިއަށް ގެންދިއުމަށް ނިންމާފައި މި ވަނީ، މިމައްސަލަ މިހާރު ކުރިއަށް ދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކޮށް ނުރުހުން ފާޅު ކުރަމުން ދިއުމާ ގުޅިގެން ކަމަށް ބެލެވެއެވެ.

އިންޑިއާ ފުލުހުންގެ ތަރުޖަމަނާކު ހާމަ ކުރެއްވި ގޮތުގައި، މިހާރު މި ކޭސް ތަހުގީގު ކުރަމުން ދާ އުއްތަރަޕްރަދޭޝްގެ ސްޕެޝަލް އިންވެސްޓިގޭޝާން ޓީމުން، ސީބީއައިއާ މި ކޭސް ހަވާލު ކުރާނެއެވެ.

އުމުރުން 19 އަހަރުގެ އަންހެން މީހާއަކީ، އިންޑިއާގައި އިންތިހާއަށް ބޮޑުވެފައިވާ ފަންތީގެ ފަރަގުގެ ގިންތިން ބަލާއިރު އެންމެ ދަށު ދަރަޖައިގެ ގިންތިއަކަށް ނިސްބަތްވާ ޒުވާނެކެވެ. ގޭންގަކުން އޭނާ ރޭޕް ކުރީ ސެޕްޓެމްބަރު 14 ވަނަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ. މި ޖަރީމާގެ ތެރޭގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބި، އެ ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް، އޭގެ 2 ހަފުތާ ފަހުން އޭނާ މަރުވީ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮސްޕިޓަލެއްގައެވެ.

ޒުވާނާ ރޭޕް ކުރީ، ނުފޫޒާއި ބާރު އޮންނަ "ޓާކޫރު" ގިންތީގެ 4 މީހުން ކަމަށް ޚަބަރު ލިބެއެވެ. މި ކޭހާ ގުޅިގެން އެމީހުން ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ފުލުހުންގެ ތެރެއިން އިސް 5 އޮފިސަރަކުވެސް ވަނީ، މި ކޭހުގެ ތަހުގީގާ ގުޅިގެން ސަސްޕެންޑް ކޮށްފައެވެ.

ފުލުހުން ސަސްޕެންޑް ކޮށްފައި ވަނީ މިމައްސަލަގައި އެމީހުން އަމަލު ކުރަމުން ގޮސްފައި ވާ ގޮތުންނެވެ. އެގޮތުން، އާއިލާގެ ރުހުމެއް ނެތި، ދަންވަރުގެ ވަގުތުގައި، ޒުވާނާގެ މަސްގަނޑު އަންދާލި އަންދާލުން ފާހަގަކުރެއެވެ. މީގެ އިތުރުން، ޒުވާނާގެ ހަށިގަނޑުން ނެގި ސާމްޕަލްގައި މަނީގެ އަސަރު ނެތުމުން، ރޭޕް ކުރީ ކަމަށް ނުނިންމޭނެ ފަދަ މޭރުމަކުން ކޭސް ކުރިއަށް ގެންދިއުމަށް ފުލުހުން މަސައްކަތް ކުރި މަންޒަރު ވަނީ ފެނިފައެވެ. ނަމަވެސް ޒުވާނާއަށް ފަރުވާ ދިން ޑޮކްޓަރުން ވަނީ، ތަހުގީގު ރިޕޯޓަށް އިންކާރު ކޮށްފައެވެ. އެހެނީ، އެ ޒުވާނާގެ ހަށިގަނޑުން ސާމްޕަލް ނަގާފައިވަނީ، ރޭޕް ކުރި ކަމަށް ބުނާ ތާރީހުގެ 11 ދުވަސް ފަހުން ކަމުގައި ވާތީ ކަމަށް ޑޮކްޓަރުން ބުނެއެވެ.

އިންޑިއާއަކީ ރޭޕް ކުރުމުގެ ޖަރީމާ ހައްދު ފަހަނައަޅާފައި ވާ ގައުމެކެވެ. އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރްބީ)ގެ ރެކޯޑްތަކަށް ބަލާއިރު، 2019 ވަނަ އަހަރު، ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 90 ރޭޕް ކޭސް، އެ ގައުމުގައި ވަނީ ރޭކޯޑް ކޮށްފައެވެ. އަދި ރަސްމީ އިމުގެ ތެރެއިން ރެކޯޑް ނުކުރާ ކިތަންމެ ކޭހެއް އޮވެއެވެ.