މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، އަވަށްޓެރި ސްރީލަންކާގެ ސަރުކާރުން ކުރި މަސައްކަތަށް، އެގައުމުގައި ހަރަކާތްތެރިވާ އދގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މަރުހަބާ ކިޔާ، ސިއްހަތާ ބެހޭ ވަޒީރު ޕަވިތުރާ ވަންނިއަރައްޗީއަށް ތައުރީފު ކޮށްފިއެވެ.

މީގެ އިތުރުން އަސާސީ ސިއްހީ ހިދުމަތުގެ ނިޒާމު ތަރައްގީ ކުރުމަށް ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ ސަރުކާރުން ތަންޒީފު ކުރަމުންދާ ސިޔާސަތުތައް ބަލައިގަންނަ ކަމަށްވެސް ބައިނަލްއަގުވާމީ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ސްރީލަންކާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން، އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި، އދގެ ޖަމިއްޔާތަކުގެ ފުރިހަމަ އެއްބާރުލުން ސްރީލަންކާއަށް ލިބެމުންދާނެ ކަމުގެ ޔަގީންކަން ދީފައި ވާކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެގޮތުން، ސްރީލަންކާގެ އާންމު ސިއްހަތު ނިޒާމު ހަރުދަނާ ކުރުމަށް އެހީގެ މަޝްރޫއު ފުޅާ ކުރުމަށްވެސް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ސިގުނަލް ދީފައި ވާކަމަށްވެސް ޚަބަރު ލިބެއެވެ.

ސްރީލަންކާއަކީ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރުވެސް، އެންމެ ހަރުދަނާ ގޮތެއްގައި ކޮވިޑް-19 ކޮންޓްރޯލް ކުރި ގައުމެއްކަން ފާހަގަކުރަންޖެހެއެވެ. ކޮވިޑް-19ގެ ކޭސް ނަމްބަރަށް ބަލައިގެން އެކުލަވާލާ ދުނިޔޭގެ ރޭންކިންގްގައި ލަންކާ އޮތީ 140 ވަނާގައެވެ.

ސްރީލަންކާއިން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް އެ ގައުމުން މި ބައްޔަށް ޕޮޒިޓިވްވި ކަމަށް ރެކޯޑް ކޮށްފައިވަނީ 3395 ކޭހެކެވެ. އަދި މި ބަލީގައި މަރުވި ކަމަށް ރެކޯޑް ކޮށްފައިވަނީ 13 ޕޭޝަންޓެކެވެ. ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 128 ކޭހެއް ފާހަގަކޮށްފައި ވެއެވެ.