ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކުންފުނި، ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގެ އިސްތިއުނާފް ހައި ކޯޓުން ބޭރުކޮށްލައިފިއެވެ.
ސިވިލް ކޯޓުން ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށް އެދި ކޯޓު އަމުރެއް ބޭންކަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 6 ވީ އާދިއްތަ ދުވަހުއެވެ. އެ އަމުރުގައި ވަނީ ސަން ޓްރެވަލްގެ ނަމުގައި ހުރި އެކައުންޓްތައް ފްރީޒް ކުރުމަށާއި އެ އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަން އެދިފައެވެ.
އެ އަމުރު ނެރުނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށް ސިވިލް ކޯޓުން ބުނެއެވެ.
އެނގިފައިވާގޮތުގައި އެއަމުރު ބާތިލް ކުރުމަށް ސަން ޓްރެވަލްސްގެ ފަރާތުން އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ މިދިޔަ ހަފުތާތެރޭ ވަނީ ބޭރުކޮށްލާފައެވެ.
ހިލްޓަން އިންޓަނޭޝަނަލް ކުންފުނިން ސަން ޓްރެވަލް ކުންފުންޏާ ދެކޮޅަށް ހުށަހަޅާފައި ވާ މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސުން ބާތިލް ކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ހުށަހެޅި މައްސަލައެވެ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ވެފައިވާ އެއްބަސްވުން ސަން ޓްރެވަލްސުން ބާތިލު ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.
އެގޮތުން ހިލްޓަންއިން ހުށަހެޅި މައްސަލައިގައި 24 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ވަނީ ސަން ޓްރެވަލްސްއަށް އަންގާފައެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަނުން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމަށް އެދި ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައެވެ.
ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން ވަނީ 2017 ވަނަ އަހަރު ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފައެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.