ފަރަންސޭސިވިލާތުގައި އޮތް ސެކިއުލަރިސްޓް ފިކުރު ދިފާއުކުރުމަށްޓަކައި، މުސްލިމުންނާ ދެކޮޅަށް ހަރުކަށި ރޭވުންތަކެއް އެގައުމުގެ ސަރުކާރުން ރާވައިފިއެވެ.

ފަރަންސޭސިވިލާތުގެ ސަރުކާރު ހިންގުމުގެ އެންމެ މަތީ ބާރުން އިއުލާންކޮށްފައިވާ އާ ޕްލޭންތަކަކީ، "މުސްލިމުންނަކީ ވަކިވެގަތުމަށް" މަސައްކަތް ކުރާ ބައެއް ކަމަށް ދެކި، އެކަމާ ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް ތަންފީޒު ކުރުމުގެ ރޫހުގައި އިއުލާންކޮށްފައި ވާ ޕްލޭންތަކެއް ކަން ފާހަގަކުރަންޖެހެއެވެ.

ގާތްގަނޑަށް 6 މިލިއަނެއްހާ މުސްލިމުންގެ އާބާދީއެއް ފަރަންސޭސިވިލާތުގައި އޮތްއިރު، މުސްލިމުން ދަނީ ވަކި ޖަމާއަތެއް އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށް ފަރަންސޭސިވިލާތުގެ ސަރުކާރުން ތުހުމަތު ކުރެއެވެ.

މިފަދަ ރޫހެއްގައި ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯންވެސް ވާހަކަދައްކަވާފައި ވާއިރު، މުސްލިމު އެކްޓިވިސްޓުންގެ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.

ފަރަންސޭސިވިލާތުން ދަނީ މުސްލިމުންނަށް ގޭގައި ކިޔަވައިދިނުން މަނާ ކުރުމަށް ގާނޫނީ ފެންވަރުގައި މަސައްކަތް ކުރަމުން/ފޮޓޯ: ގެޓީއިމޭޖަޒް

ފަރަންސޭސިވިލާތުގެ ސެކިއުލަރިސްޓް ފިކުރު ބުނާ ގޮތުގައި ސަރުކާރާއި ދީނަކީ ދެއެއްޗެކެވެ. އެގޮތުން، އެކި ދީންތަކުގެ މީހުންނަކީ، ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއްކަމަށް ބުނެފައިވެއެވެ.

ވިލާތުގެ ބައްރުގެ ހުޅަނގުގެ ސަރަހައްދަށް ބަލާއިރު، މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމަކީ ފަރަންސޭސިވިލާތެވެ. ނަމަވެސް، ސެކިއުލަރިޒަމްގެ ބޭނުން ހިފާ، މުސްލިމުންނަށް ހަމަލާތައް އަމާޒު ކުރަމުންދާ ކަމުގެ ވާހަކަތަކަކީ އާ ވާހަކަތެކެއް ނޫނެވެ. އެގޮތުން، ހިޖާބު މަނާކޮށްފައި އޮންނަ އޮތުން ފާހަގަކުރަންޖެހެއެވެ.

މުސްލިމުންނާ ދެކޮޅަށް ފަރަންސޭސި ސަރުކާރުން ގާނޫނީ ހައިސިއްޔަތު ދިނުމަށް މަސައްކަތް ކުރާ ކަންކަމުގެ ތެރޭގައި:

  • ކުޅިވަރު ޖަމިއްޔާތަކާ އެނޫންވެސް ޖަމިއްޔާތަކުގެ ހަރަކާތްތައް ގާތުން ވިލަރެސްކޮށް، ހައްދުފަހަނައަޅާ ދިއުމަށް ފުރުސަތު ނުދިނުން
  • ބޭރު ގައުމުތަކުން ފަރަންސޭސިވިލާތަށް އިމާމުން ފޮނުވުމަށް އޮތް ނިޒާމު ހުއްޓުމަކަށް ގެނައުން
  • ބޭރު މަސްދަރުތަކުން ފަރަންސޭސިވިލާތުގެ މިސްކިތްތަކަށް ވަންނަ ފަންޑު މޮނިޓާ ކުރުން
  • ގޭގައި ކިޔަވައިދިނުން ނުވަތަ ހޯމް-ސްކޫލިންގް މަނާ ކުރުން ހިމެނެއެވެ.
ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯން މާސްކު ތުރުކުރައްވައިގެން/ފޮޓޯ: އޭއެފްޕީ

މިމޭރުމުން ފަރަންސޭސި ސަރުކާރުން ވަނީ، އެގައުމަށް ހިޖުރަކޮށްފައިވާ އާބާދީތަކަށް އިޖުތިމާއީ އަދި އިގުތިސޯދީ ފުދުންތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ. މިކަމަށް ގޮވާލާފައިވަނީ، މި ޖާގައަކީ ފުރިހަމަ ނުކޮށްދެވިއްޖެ ޖާގައަކަށް ވަނީ ނަމަ، ހަރުކަށި ފިކުރުގެ ބާރުތަކުން އެ ޖާގަ ފުރާލުމަށް ފުރުސަތު އޮތުމުން ކަމަށްވެސް ފަރަންސޭސި ސަރުކާރުން ބުނެއެވެ.