3 ފަހަރެއްގެ މަތިން ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފު ކުޅުއްވަމުން ގެންދަވަނީ "އިންޑިއާގެ ކުޅިގަނޑެއް" ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އަމާޒު ކުރައްވާ އިމްރާން ފާޑުވިދާޅުވެފައިވަނީ، ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާއަށް ފާޑުވިދާޅުވެ، ނަވާޒް ޝަރީފު ވާހަކަދައްކަވަމުން ގެންދަވާތީ ކަމަށް ބެލެވެއެވެ.

އިމްރާން ވިދާޅުވީ، މިހާރު އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ނަވާޒް ކުޅުއްވަމުން ގެންދަވަނީ އިންޑިއާގެ ކުޅިގަނޑެއް ކަމަށާ، އިނގިރޭސިވިލާތުގައި ހުންނަވައިގެން ޕާކިސްތާނަށް ހަމަލާ ދެއްވަމުން ގެންދަވާ ކަމަށެވެ. މިކަމުގައި ނަވާޒް ޝަރީފަށް އިންޑިއާގެ 100 ޕަސެންޓް އެއްބާރުލުން ލިބޭ ކަމަށްވެސް އިމްރާން ވަނީ ތުހުމަތު ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު، ނަވާޒް ޝަރީފު ސިޔާސީ ޕާޓީ، ޕާކިސްތާނީ މުސްލިމު ލީގު – ނަވާޒް (ޕީއެލްއެމް-އެން) އިންވަނީ، އިމްރާންގެ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން އެކުލަވާލި އިއްތިހާދުގައިވެސް ބައިވެރިވެފައެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ފެއްޓެވި ނަވާޒް ޝަރީފު، ސިއްހީ ފަރުވާގެ ކަފާލާތުގެ ދަށުން އިނގިރޭސިވިލާތަށް ވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ސިއްހީ ފަރުވާގެ ކަފާލާތުގެ ދަށުން ގައުމުން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ނަވާޒްއަށް އެރުވީ، ލޭގެ ޕްލެޓްގައި މައްސަލަ އުޅޭ ކަމަށާ، އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރުން ބުނުމާއެކުގައެވެ.