އިންޑިއާގެ ކޮޗިނާއި ކުޅުދުއްފުުއްޓާ ދެމެދު ފެށި ކާގޯ ފެރީއިން މިދިޔަ ސެޕްޓެމްބަރުމަހު 26 ވަނަ ދުވަހު ގެނައި ސިމެންތި އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
ކުރިން ރެމްކޯ ސިމެންތި ވިއްކަމުން ދިޔަ އަގަށްވުރެ ހެޔޮ އަގެއްގައި އެ ސިމެންތި މިހާރު ވިއްކަމުން ދަނީ އެސްޓީއޯގެ ކުޅުދުއްފުށީ ސްޓޯރުންނެވެ. އެގޮތުން ކުރިން ރެމްކޯ ސިމެންތި ބަސްތާއެއް ލިބެނީ 106 ރުފިޔާއަށެވެ. މިހާރު ރެމްކޯ ސިމެންތި ބަސްތާއެއް ލިބެނީ 90 ރުފިޔާއަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު 26 ގައި ކުޅުދުއްފުއްޓަށް ލެފި އެ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނުގެ ސިމެންތި އާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ގެނައެވެ. އެއީ، 500 ޓަނަށް ވުރެ ގިނަ މުދާ ކަމަށް މޯލްޑިވްސް ޝިޕިން ކޮމްޕެނީ (އެމްއެސްއެސް) އިން ބުނެއެވެ.
ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ މި ބޯޓު ކުޅުދުއްފުއްޓަށް މިދިޔަ މަހު 26ގައި ކައިރި ކޮށްފައި ވާއިރު، އެ ފެރީ ރާއްޖެ އައުމަށް އިންޑިއާގެ ސޫތުކުޅިން ފުރާފައި ވަނީ މިދިޔަ މަހު 20 ވަނަ ދުވަހެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. ކުޅުދުފުއްޓާއި އިންޑިއާއާ ދެމެދު ބާއްވާ އެ ކާގޯ ފެރީ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަހަކު ދެ ފަހަރެވެ.
ރާއްޖެ-ކޮޗިން ފެރީއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނީ އިންޑިއާ ކޮޗިން ފެރީއަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދޭތެރޭ މިހާރުވެސް ކުރަމުން އަންނަ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ތަކުން، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގު، ހެޔޮ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށާއި ކުރިއަށް އޮތް 5 އަހަރަށް ބެލިކަމުގައި ވިޔަސް، ލާމަރުކަޒީ ފުދުންތެރިކަން ބޮޑެތި އާބާދީތަކަށް ހޯދައިދިނުމަށްޓަކައި، އިގްތިސޯދު މިހާރަށް ވުރެ ބޮޑަށް ހުޅުވާލަން ޖެހޭ ކަމަށާއި، މިއީ، އެ މަންޒިލަށް ވާސިލުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.