އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަރިސް މުޝީރެއް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ، މިދިޔަ އަންގާރަ ދުވަހު އޮތް އެމެރިކާގެ ރިޔާސީ ރޭހުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ޓްރަމްޕާއެކު އެއާފޯސް ވަންގައި އޮހައިއޯއަށް ދަތުރު ކުރެއްވި ހޯޕް ހިކްސްއެވެ.

މީޑިއާގައި ދައުރުވާ މަންޒަރުތަކަށް ބަލާއިރު، އެއާފޯސް ވަންއަށް އެރުމަށް ހޯޕް ދާއިރު، އޭނާ ހުންނަނީ މާސްކުވެސް ނާޅައެވެ.

މީގެ އިތުރުން، ހެލިކޮޕްޓާ މެރިން ވަންގައިވެސް ޓްރަމްޕާ ވަރަށް ގާތުގައި ހޯޕް އިންނެވި ކަމަށް ވައިޓްހައުސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

އުމުރުން 31 އަހަރުގެ ހޯޕްއަކީ، ޓްރަމްޕްގެ އެންމެ އަރިސް މުޝީރުންގެ ތެރެއިން، މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

ބްލޫމްބާގްއިން ނިއުސް އިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހޯޕްގެ ހަށިގަނޑުން ކޮންމެވެސް ވަރަކަށް ބަލީގެ އަލާމާތްތައް ފެނެއެވެ. އަދި މިނެސޯޓާއިން އެނބުރި އައި ދަތުރުމަތީގައި، އެއާފޯސް ވަންގައި ހޯޕް ކަރަންޓީނު ކުރި ކަމަށްވެސް ޚަބަރު ލިބެއެވެ.

ކަން މިހެން އޮތްއިރު، ޓްރަމްޕް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. ވައިޓްހައުސް އިން ދަނީ، ޓްރަމްޕާއި އެންމެ ގާތުން މަސައްކަތްކުރައްވާ މުވައްޒަފުން، ގަވައިދުން ކޮވިޑް-19އަށް ޓެސްޓު ކުރަމުންނެވެ.