އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަކީ މުޖުތަމައު ކުރިއަރާ ދިއުމާއި ދެމެހެއްޓެނިވި ތަރައްގީގެ އަސާސް ކަމަށް ދިވެހިރާއްޖޭގެ ހާރިހީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އދގެ 75 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ އަދުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ ފެށުމާ ހިސާބުންވެސް، ސަރުކާރުގެ ބިންގާ ކަމަށެވެ.

ވީޑިއޯ މެދުވެރިކުރައްވާ ތަގުރީރު ކުރައްވަމުން ޝާހިދު ވަނީ އިންސާނީ ހައްގުތަކުގެ ވިއުގާގައި އެކުލަވާލަފައިވާ ގިނަ މުއާހަދާތަކެއްގައި ރާއްޖެއިން ބައިވެރިވެފައިވާކަން ފާހަގަކުރައްވާފައެވެ. މި މޭރުމުން ތަގުރީރު ކުރިއަށް ގެންދަވަމުން ޝާހިދު ވިދާޅުވީ، ނިޒާމުން ގެއްލުވާލާފައިވާ މީހުންނާ ބެހޭ މުއާހަދާވެސް، ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި ދިވެހިރާއްޖެއިން ތަންފީޒު ކުރާނެ ކަމަށެވެ.

މުޖުތަމައެއްގެ ހުރިހާ ގިންތިއެއް، ވަކިން ހާއްސަކޮށް އަންހެނުންނާ ޒުވާނުން ބާރުވެރި ކުރުވުމުގައި، ހައްގުތައް އަސާސަކަށް ވެފައިވާ އުސޫލެއް ގެންގުޅުމަކީ ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޒުވާނުންނާ ގުޅޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް އަދުގެ ސަރުކާރުން ކުރަމުން އަންނަކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. މިއީ ޒުވާނުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން ކަންކަން ނިންމުމުގައި ޒުވާނުން ބާރުވެރި ކުރުވަނިވި ބިލަކަށް ވާނެކަންވެސް ޝާހިދު ވަނީ އދގެ ތަގުރީރުގައި ފާހަގަކުރައްވާފައެވެ. ޒުވާނުންގެ ކަންކަމުގައި ދިވެހިރާއްޖެއިން ސިޔާސަތުތައް އެކުލަވާލަނީ ވަށާޖެހޭ އުސޫލަކުން ކަންވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ޖިންސުގެ ފަރަގު ނައްތާލުމުގެ ހައްގާ ގުޅޭ ގޮތުން ތަގުރީރު ކުރިއަށް ގެންދަވަމުން ޝާހިދު ވަނީ، މި މޭރުމުން ދިވެހިރާއްޖެއަށް ހާސިލުވެފައިވާ ކާމިޔާބިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރު ކުރުމުން ފެށިގެން ގޮސް، ދިވެހިރާއްޖޭގެ ހާރިޖީ މިޝަންތަކުގައިވެސް ޖިންސުގެ ހަމަހަމަކަން ކަށަވަރު ކުރުމުގައި ހޯދިފައިވާ ކުރިއެރުން، ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

2023-2025 އަށް ދައުރު ދެމިގެންދާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރު ކަމަށް ދިވެހިރާއްޖެއިން ކުރިމަތިލުމަށް ކެންޑިޑަސީ ހުށަހެޅުމަށް ނިންމާފައި ވާ ކަމަށާ، އެއީވެސް އިންސާނީ ހައްގުތަކުގެ ރޮނގުން ދިވެހިރާއްޖެއަށް ހޯދިފައިވާ ކާމިޔާބީތަކަށް ރިއާޔަތް ކުރުމަށް ފަހު އަދުގެ ސަރުކާރުން ނިންމި ނިންމުމެއްކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ ދާހިލީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަތާއި އަތް ޖޯޑުކޮށްގެން ކުރިއަށް ގެންދަންޖެހޭ ކަމެއް ކަންވެސް ދިވެހި ހާރިޖީ ވަޒީރުގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ. ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއަށް ލިބިފައިވާ ހާއްސަ ސިފަތަކާ އެކުގައިމެ، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރަނިވި ސަގާފަތަކަށް މަގުފަހި ކުރާނެ އުސޫލަކުން ގާނޫނާއި ގަވައިދު ބައްޓަން ކުރުމަށް ރާއްޖެއިން ކުރަމުންދާ ތަޖުރިބާ ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ދިވެހި ހާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.