2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ، އިހާނެތި ގޮތަކަށް މަރާލި މައްސަލައިގެ ތުހުމަތުގައި، ތުރުކީވިލާތުގެ ޕްރޮސެކިއުޓަރުން، ސައުދީ އަރަބިއްޔާގެ 6 މީހެއްގެ މައްޗަށް އަނެއްކާވެސް ދާއުވާ އުފުލައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ދައުވާ ލިބޭ 6 މީހުންގެ ތެރެއިން 2 މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަނެއް 4 މީހުންގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ 4-5 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދައުވާ ލިބޭ 6 މީހުންގެ ތެރެއިން 2 މީހުންނަކީ ކޮންސިއުލޭޓްގެ މުވައްޒަފުން ކަމަށާ، އެމީހުންނަކީ ހަޝޯގީގެ މަރާލުމުގެ ޖަރީމާ ހިންގުމަށްފަހު ތުރުކީވިލާތުން ފުރައިގެން ދިޔަ 2 މީހުން ކަމަށް ޚަބަރު ލިބެއެވެ. އަނެއް 4 މީހުންނަކީ ހެކި ނައްތާލުމުގެ މަސައްކަތުގައި އުޅުނު މީހުން ކަމަށް ބުނެއެވެ. އެ 4 މީހުންވެސް މިހާރު ތުރުކީވިލާތުގައެއް ނެތެވެ.

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، އެމެރިކާގައި ހުރެ ލިޔުންތަކެއް ޝާއިއު ކުރަމުންދިޔަ ހަޝޯގީ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު އިމާރާތަށް ވަންނަނިކޮށެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ކޮންސިއުލޭޓަށް އޭނާ ދިޔައީ، އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ހަދީޖާ ޖެންގީޒްއާއި ކައިވެނި ކުރުމަށް، ހަމަޖައްސަން ޖެހޭ ލިޔެކިއުންތަކެއް ހަމަޖެއްސުމަށެވެ.

އޭގެ ފަހުން އަދާ ޖެހުނުއިރުވެސް ހަޝޯގީގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 59 އަހަރުގެ ހަޝޯގީ ކޮންސިއުލޭޓް ތެރޭގައި މަރާލުމަށްފަހު، ހަށީގަނޑުގެ ގުނަވަންތައް ބުރިބުރިކޮށް، އެތަނުން ނެރެ، އެހެން ތަނެއްގައި ނައްތާލީއެވެ.

ހަޝޯގީގެ މަރާ ގުޅިގެން އެންމެ ގިނަ ބަޔަކު ތުހުމަތު އަމާޒު ކުރަނީ ސައުދީގެ ވަލީއަހުދަށެވެ. ނަމަވެސް އެކަމަށް ސައުދީއިން އިންކާރު ކުރެއެވެ. ސައުދީ އަރަބިއްޔާއިން ވަނީ ޙަޝޯގީގެ މަރާ ގުޅިގެން އެ ގައުމުން އަމިއްލައަށް ތަހުގީގުތަކެއް ހިންގާ، ބައެއްގެ މައްޗަށް ހުކުމް އިއްވާފައެވެ. ބައެއް މީހުން މަރަން ހުކުމް ކޮށްފައި ވާއިރު، މިއީވެސް ހެކި ނައްތާލަން ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.