ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ދުނިޔޭގެ ސުޕާޕަވަރުގެ މަގާމުގައި އޮތް އެމެރިކާގައި ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސް، ކުރިއަށް އޮތް ދައުރު، ގައުމުގެ އިސްވެރިޔާ ކަމުގެ މަގާމުގައި ހުންނަވާނެ ލީޑަރެއް ކަނޑައަޅާނެ ދުވަހެވެ. މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަކީ، މަދު ސްޓޭޓްތަކަކުން ނިކުންނަ ނަތިޖާއަކުންވެސް ކުރެވިދާނެ ކަމެއް ކަމަށް ބުނެވެއެވެ.

އޮތީ 2 ސުވާލެކެވެ. އެއީ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއަށް ރައީސްކަމުގެ މަގާމަށް އަރާވަޑައިގެންނެވިދާނެތޯ ނުވަތަ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް، މަގާމު ދިފާއު ކުރެވިދާނެތޯ ކުރެވޭ ސުވާލުތަކެވެ.

ކުރިއަށް އޮތް 4 އަހަރު ދުވަހު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުގެ ގޮނޑި ފުރުއްވާނެ ބޭފުޅަކު ކަނޑައެޅުން ގުޅިފައިވަނީ 270 އިލެކްޓޯރަލް ވޯޓަކާއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ) އަދި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން (މ)/ފޮޓޯ: ކާޑްސްޗެޓް

ސްޓޭޓްތަކުގެ ވޯޓު ލަފާ ކުރާ ގޮތް

އެމެރިކާގެ އިންތިހާބީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، އެއްޗަކީ ސްޓޭޓް ފެންވަރުގައި ނެރޭ ނަތީޖާއެވެ. ކޮންމެ ސްޓޭޓަކަށްވެސް ވަކި އަދަދަކަށް އިލެކްޓޯރަލް ވޯޓު ލިބިގެންވެއެވެ. މި އަދަދު ކަނޑައަޅާފައި އޮންނަނީ އެ ސްޓޭޓެއްގެ އާބާދީއަށް ރިއާޔަތްކޮށެވެ. ގިނަ ސްޓޭޓްތަކަކީ ކޮންމެ ފަހަރަކުވެސް، އެއް ގޮތަކަށް ވޯޓު ދޭ ސްޓޭޓްތަކެކެވެ.

އިންތިހާބުގެ ވޯޓުލުން އޮންނަ ރެއާ ދިމާކޮށް، އެމެރިކާގެ މިނިވަން 2 މަސްދަރެއް ކަމަށްވާ ރިއަލް ކްލިއާ ޕޮލިޓިކްސްއާއި ދަ ކުކް ޕޮލިޓިކަލް ރިޕޯޓުން، ސްޓޭޓްތައް ގުރޫޕުކޮށް އެ ސްޓޭޓްތަކުން ވޯޓު ދޭނެ ކަމަށް ފެންނަ ގޮތް ހާމަކުރެއެވެ. ބައެއް ސްޓޭޓްތައް ފާހަގަކޮށްފައި ހުންނަނީ "ޓޮސް-އަޕްސް"ގެ ގޮތުގައެވެ. އެއީ ކޮންމެ ދެކޮޅުން ކުރެ ކޮންމެ ކޮޅަކުންވެސް ކާމިޔާބު ކޮށްފާނެ ސްޓޭޓްތަކެވެ.

އެމެރިކާގެ ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން/ފޮޓޯ: ވީއޯއެކްސް

މިފަހަރުގެ އިންތިހާބުގައި ގޮތް ނިންމާނެ ކަމަށް ބެލެވޭ 7 ސްޓޭޓެއް ފާހަގަކުރެވެއެވެ. މިއީ ދެކޮޅުން ކުރެ ކޮންމެ ކޮޅަކަށްވެސް ނަތީޖާ އަނބުރާލުމުގެ ބާރު ލިބިފައިވާ ސްޓޭޓްތަކެކެވެ. އޭގެ ތެރޭގައި ވިސްކޯންސިން، އެރިޒޯނާ، ނޯތް ކެރޮލައިނާ، މިޝިގަން، ޕެންސިލްވޭނިއާ އަދި ފްލޮރިޑާ ހިމެނެއެވެ.

ފާހަގަކުރަންޖެހޭ ކަމަކީ، މި ހުރިހާ ސްޓޭޓަކީވެސް، 2016 ވަނަ އަހަރުގެ އިންތިހާބުގައި ޓްރަމްޕް ކަށަވަރު ކުރެއްވި ސްޓޭޓްތަކެއް ކަމެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުންނާނެ ގޮތް ކަމަށް ލަފާކޮށް ބީބީސީއިން ތައްޔާރުކޮށްފައިވާ ދިރާސާއަށް ބަލާއިރު، ބައިޑަންއަށް ވޯޓު ފަށަނީ، ސްޓޭޓްތަކުން ކަށަވަރުވާނެ ކަމަށް ބަލާ 188 ވޯޓާއެކުގައެވެ. ޓްރަމްޕަށް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 269 ވޯޓެވެ.

ނަތީޖާ އެއްވަރު ވެދާނެތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ބުނަންޖެހެނީ އާނބަހެވެ. އެމެރިކާގެ ރިޔާސީ ވޯޓުގެ ނިޒާމުގައި 538 އިލެކްޓޯރަލް ކޮލެޖު ވޯޓު ކަނޑައަޅާފައި އޮވެއެވެ. އެހެންކަމުން، 2 ކެންޑިޑޭޓުން އެއް ހަމައަކުން ސްޓޭޓްތައް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ކޮންމެ ކެންޑިޑޭޓަކަށް 269 އިލެކްޓޯރަލް ކޮލެޖު ވޯޓެވެ.

ވެރިކަމުގެ 2 ވަނަ ދައުރަކަށް ވާދަކުރައްވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭން ޕޯސްޓަރެއް/ފޮޓޯ: ޑެލަސް މޯނިންގް ނިއުސް

މިފަދަ ގޮތަކަށް 2 ކެންޑިޑޭޓުން އެއްވަރު ވެއްޖެނަމަ އެމެރިކާގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވާ ފަރާތެއް ކަނޑައަޅާނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ހައުސް އޮފް ރެޕްރެޒެންޓޭވްސްއިންނެވެ. ނައިބު ރައީސް ކަނޑައަޅާނީ ސެނެޓުންނެވެ.

އެމެރިކާގެ އިންތިހާބީ މާޒީއަށް ބަލާއިރު ވަރަށް މަދުން ނޫނީ މިހާލަތަށް ގޮސްފައެއް ނުވެއެވެ. އެމެރިކާގެ ތާރީހަށް ބަލާއިރު، 3 ފަހަރެއްގެ މަތިން މިކަން ހިނގާފައިވާއިރު، 1836 ވަނަ އަހަރަށްފަހު މިކަން މެދުވެރިވެފައެއް ނުވެއެވެ.