ކާކުކަން އަންގައިދޭ (އައިޑީ) ކާޑުގައި، ފޭޝަލް ވެރިފިކޭޝަން ޓެކްނޮލޮޖީ ބޭނުން ކުރާ ފުރަތަމަ ގައުމަކަށް ސިންގަޕޫރު ވެއްޖެއެވެ.

މި ކާޑަކީ ސަރުކާރު އިދާރާތަކާ އަމިއްލަ ކުންފުނިތަކުން ހިދުމަތް ލިބިގަތުމުގައި ރައްޔިތުން ބޭނުންކުރާނެ ކާޑެކެވެ. މި ކާޑުގެ ހިދުމަތް އެންމެ ފުރަތަމަ ޓެސްޓު ކުރީ ހަމަޖެހިފައިވަނީ ބޭންކިންގް ސިނާއަތުގައެވެ. ނަމަވެސް، މިހާރު ގައުމީ ފެންވަރުގައި ހުރިހާ ކަމަށް މި ކާޑު ބޭނުން ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.

ސިންގަޕޫރުގެ އައިޑީ ކާޑުތަކުގައި ބޭނުން ކުރާ ފޭޝަލް ވެރިފިކޭޝަން ޓެކްނޮލޮޖީ ފަރުމާ ކޮށްފައިވަނީ އިނގިރޭސިވިލާތުގައި އޮޕަރޭޓް ކުރާ އައިޕްރޫވް ކުންފުނިންނެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ޓެކްނޮލޮޖީއަކީ، މޫނަށް ބަލައިގެން އެއީ ކާކުކަން ދެނެގަތުމުގެ އިތުރުން، އެ ހޯދާ މީހަކީ، އެ ތަނެއްގައި ހުރި މީހެއްތޯވެސް ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އީޖާދެކެވެ. އެގޮތުން، ކާޑު ހިފައިގެން ގޮސް ހިދުމަތް ހޯދަނީ ހަގީގަތުގައިވެސް އެމީހާކަން ކަށަވަރު ކުރެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

ސިންގަޕޫރުގެ ޒަމާނީ އައިޑީ ކާޑު ފަރުމާކޮށްފައި ވަނީ، އައިޕްރޫވްގެ ޓެކްނޮލޮޖީއާއި ސިންގަޕޫރުގެ ޑިޖިޓަލް އައިޑެންޓިޓީ ސްކީމް (ސިންގްޕާސް) ބޭނުންކޮށްގެންނެވެ.

މިއީ ގައުމީ ފެންވަރުގައި ރައްޔިތުންގެ ވަނަވަރު ދެނެގަނެ، އެއީ ކާކުކަން ކަށަވަރު ކުރުމަށް ކްލައުޑް-ބޭސްޑް ވެރިފިކޭޝަން ޓެކްނޮލޮޖީ ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.

މި ޓެކްނޮލޮޖީއަކީ އެކި ކުއްތަކުގައި ހޯދަމުންދާ ކުށްވެރިންވެސް ދެނެގަތުމަށް އެހީވެދޭ ޓެކްނޮލޮޖީއެކެވެ. އެގޮތުން، ހޯދަމުންދާ މީހަކު އެ ސަރަހައްދަކުން ކުރިކަނޑާލި ކަމުގައި ވީ ނަމަވެސް ފުލުހުންނަށް އެލާޓެއް ދާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ޒަމާނީ ޓެކްނޮލޮޖީގެ އިންގިލާބީ އީޖާދަކަށް ވީ ކަމުގައި ވީ ނަމަވެސް، މިއީ އާންމު ދިރިއުޅުމުގެ ޒާތީ އެތައް މައުލޫމާތެއް ސަރުކާރަށް ފޯރުކޮށްދެނިވި ކަމެއް ކަން ފާހަގަކޮށް، ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.