ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު އިއްޔެ ފެށިގެން ދިޔަ ކާގޯ ފެރީގެ ހިދުމަތާ ގުޅިގެން ދިވެހި އަންހެނުންނަށް ކުޑައިމީސް ކޮށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވާހަކަ ދެއްކެވިކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް، އެކަމަށް ރައްދު ދެއްވައިފިއެވެ.
އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ އިއްޔެ އައީ އާގު ބޯޓެއް ކަމަށާއި މާދަމާ ދިވެހި އަންހެނުން ކައިރިއަށް އަންނާނީ މަތިމަސްލީ އިންޑިއާގެ މީހުން ކަމަށެވެ.
އެކަމަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ ދިވެހި އަންހެނުންނަށް ނިސްބަތްކޮށް އެފަދަ ގޮތަކަށް މުހާތަބު ކުރެއްވުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި ކޮންމެ ކަމަކާ ގުޅުވާވެސް އަންހެނުން ނިކަމެތި ކޮށްލާ ކަމަށެވެ. އަދި އަންހެނުންނަކީ ގޮތް ހުސްވެފައި ތިބި ބައެއް ކަމަށް ދޭހަވާ ގޮތަށް ބަސް ބުނުން ހުއްޓާލަން ޖެހޭ ކަމަށްވެސް ޒޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވަނީ ސިޔާސީ ރައްދު ދޭއިރު އަންހެނުންނަށް ދެރަބަސް ވިދާޅުވަނީ ކޮން ބޭނުމެއްގައިތޯ ސުވާލު ކުރައްވާފައެވެ.
ރޮޒައިނާގެ އެ ވަހަކަތަކަށް ރައްދު ދެއްވާ ޝުޖާއު ވިދާޅުވީ ޝުޖާއުގެ އެ ވާހަކައިން ސަރުކާރަށް ވަރަށް އަސަރު ކޮށްފައިވާ ކަމަށާައި އެމްޑީޕީއަށް ވެރިކަން ލިބިފައި ވަނީވެސް އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކައިގެން ކަމަށެވެ. އަދި ވެރިކަން ލިބުމުން ސަރުކާރުގެ ބޮޑެތި މީހުން ބަހާލައިގެން ދައުލަތް އެއްކޮށް ހުސްކޮށްލާފައި ވާ ކަމަށްވެސް ޝުޖާއު ވަނީ ތުހުމަތު ކުރައްވައިފައެވެ.
އިންޑިއާ-ރާއްޖޭގެ ކޮޗިން ފެރީއަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށާއި އެ ފެރީއިން ރާއްޖެ އަންނާނީ "ހަމަ އިންޑިއާގެ މަތިމަސްލީ މީހުން" ކަމަށް ޝުޖާއު ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައެވެ. އަދި ރާއްޖޭގައި އިންޑިއާގެ ދަރިފަސްކޮޅެއް ނުއުފެއްދޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
މީހެ އިތުރުން ޝުޖާއު ވިދާޅުވީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްގެން މައްސަލަ ހުށަހެޅުމުން ރޮޒައިނާވެސް ހުންނަވަނީ ހަނު ކަމަށާއި މި ސަރުކާރުގައި ތިބީ ކޮން ބައެއްކަން ދިވެހިންނަށް ވަރަށް ރަނގަޅަށް ސާފުވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އެފެދައިން ވިދާޅުވެފައި ވާއިރު އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ ގިނަ ވާހަކަތަކެއް ހިއްސާ ކުރާ ފޭސްބުކްގެ ޕޭޖެއް ކަމަށްވާ "އިންޑިއާ މޯލްޑިވްސް ފްރޭންޑްޝިޕް" ގައި އިންޑިއާގެ ބައެއް މީހުން ދީފައިވާ އިންޓަވިއުތައް ހިމަނާފައި ވާއިރު އޭގެ ތެރެއިން ބައެއް އިންޓަވިއުތަކުގައި، ވާހަކަ ދައްކާ ބައެއް މީހުން ވަނީ ދިވެހިންނާ ކައިވެނި ކޮށްގެން ގިނަ ދަރިން ހޯދާ ވާހަކަވެސް ދައްކާފައެވެ.
އިއްޔެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގެ ފުރަތަމަ ބޯޓު ހދ. ކުޅުދުއްފުށީގައި ބަނދަރު ކުރުމާއެކު އިދިކޮޅުގެ އިސް ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ކޮށްފައެވެ.