އިންޑިއާ އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު މިއަދު ފެށިގެންދިޔަ ފެރީގެ ހިދުމަތަކީ އުތުރުގެ ރަށްތަަކަށް އަންނަ ތަރައްގީގެ އާ ފެށުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފެރީ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންޑިއާއާއި ކުޅުއްދުއްފުއްޓާ ދެމެދު ފެރީގެ ހިދުމަތް ފެށުމަކީ، މިސަރުކާރުން ވައުދުތައް ފުއްދާކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި އެ ފެރީ ހިދުމަތަކީ އުތުރުގެ ތަރައްގީގެ ފެށުމުގެ ގޮތުގައި އެޅުނު މުހިންމު ފޮޔަވަޅެއް ކަމަށެވެ.

އެގޮތުން އެ ފެރީގެ މައިގަނޑު މަގްސަދަކީ މާލެއަށް ބަރޯސާވެފައި އޮންނަ އޮތުމުގެ ބަދަލުގައި ލާމަރުކަޒީ ނިޒާމެއް ތަންފީޒު ވެގެންދިއުން ކަމަށާއި މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރަމުންދާ މަޝްރޫއުތަކުގެ ފައިދާ އެ ސަރަހައްދެއްގެ ރައްޔިތުންނަށް ކުރަމުންދާނެ ކަމަށެވެ.

އަޅުގަނޑުމެން މިއަދު މި ފަށާ ފެށުމަކީ، އުތުރަށް އަންނަ ތަރައްގީގެ އާ ފެށުން. ހަގީގަތުގައި ހުޅުވާލެވޭ ކޮންމެ ދޮރަކީ، ކޮންމެ ފާލަމަކީ އިގްތިސާދަށް އަންނަ ދިރުމެއް. އެއްތަނެއްގައި ހުންނަ މުދާ އަނެއް ތަނަށް ގެންދިޔުމަށް މަގުފަހުކޮށްދިނުން. އެއީ ހަގީގީ ދިރުން އައުމަކީ
ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ މުޅި އުތުރު، މުޅި ބޮޑު ތިލަދުންމަތި ފަތުރުވެރިކަމުގެ މުއްސަނދިކަމުން ފުރާލުން ކަމަށާއި އަދި އެކަމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓު ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީގެ ކުރުމަށް އަންނަ އަހަރު ކުރީ ކޮޅު ފެށޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި މިއަދު ހެނދުނު 6:30 ހާއިރު ފެރީ ބަނދަރުކޮށްފައި ވާއިރު، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފައި ވަނި އެ ބޯޓުގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް ބާލާނީ، 500 ޓަނުގެ ސިމެންތި އާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ކަމަށެވެ. އެއީ، 500 ޓަނަށް ވުރެ ގިނަ މުދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.