އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަށާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި މުދާ ބަރުކޮށްގެން އައި ބޯޓު މިއަދު ހެނދުނު ބަނދަރުކޮށްފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނީ އެ ބޯޓުގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް ބާލާނީ، 500 ޓަނުގެ ސިމެންތި އާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ކަމަށެވެ. އެއީ، 500 ޓަނަށް ވުރެ ގިނަ މުދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ފެރީ ކުޅުދުއްފުށީގައި މިއަދު ހެނދުނު 6:30 ހާއިރު ބަނދަރުކޮށްފައި ވާއިރު، ފުރަތަމަ ދަތުރަށް މަރުހަބާ ކިޔުމުގެ ގޮތުން ކުޅުދުއްފުށީގައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން ރާވާފައި އޮތް ނަމަވެސް، އިއްޔެ ކުޅުދުއްފުށިން ކޮވިޑް ކޭހެއް ފެނުމާ ގުޅިގެން އެ ރަށަށް މީހުން އަރައި ފޭބުން މަނާކޮށްފައި ވާތީ، އެ ރަސްމިއްޔާތުތައް މިހާރު ވަނީ މެދުކެނޑާލައިފައެވެ.

ކާގޯ ފެރީން މުދާ ހުސްކުރުމަށް، ހަރަކާތްތެރި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުޅުދުއްފުށީ ޕޯޓު، (ކޭޕީއެލް) އިންނެވެ. ބޯޓު ކުޅުދުއްފުށީ ބަނދަރާ ކައިރީ ނުކުރެވޭތީ މުދާ ބާލަނީ އެހެން އުޅަނދެއް އެ ބޯޓުގެ ކައިރިއަށް ގޮސްގެންނެވެ. އެގޮތުން ކޭޕީއެލްއިން ބުނީ އެ މަސައްކަތުގައި 50 އެއްހާ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާއި ބޯޓުން މުދާ ބޭލޭ ވަރު ވާނީ މިއަދު މެންދުރު 1:30 ހާއިރު ކަމަށެވެ.

ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ މި ބޯޓު ކުޅުދުއްފުއްޓަށް މިއަދު ކައިރި ކޮށްފައި ވާއިރު، އެ ފެރީ ރާއްޖެ އައުމަށް އިންޑިއާގެ ސޫތުކުޅިން ފުރާފައި ވަނީ މިދިޔަ އާދިައްތަ ދުވަހެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. ކުޅުދުފުއްޓާއި އިންޑިއާއާ ދެމެދު ބާއްވާ އެ ކާގޯ ފެރީ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަހަކު ދެ ފަހަރެވެ.

ރާއްޖެ-ކޮޗިން ފެރީއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނީ އިންޑިއާ ކޮޗިން ފެރީއަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދޭތެރޭ މިހާރުވެސް ކުރަމުން އަންނަ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ތަކުން، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގު، ހެޔޮ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށާއި ކުރިއަށް އޮތް 5 އަހަރަށް ބެލިކަމުގައި ވިޔަސް، ލާމަރުކަޒީ ފުދުންތެރިކަން ބޮޑެތި އާބާދީތަކަށް ހޯދައިދިނުމަށްޓަކައި، އިގްތިސޯދު މިހާރަށް ވުރެ ބޮޑަށް ހުޅުވާލަން ޖެހޭ ކަމަށާއި، މިއީ، އެ މަންޒިލަށް ވާސިލުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.