ޗައިނާގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުން، އެ ގައުމުގެ މުޖުތަމައަށް އަހުލުވެރިކުރުވުމަށް ހިންގާ ވޮކޭޝަނަލް ރީ-އެޑިއުކޭޝަން ކޭމްޕުތަކެއްގެ ނަމުގައި ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ކޮންޓްރޯލް ކުރާ ޑިޓެންޝަން ސެންޓަރުތަކުގެ އަދަދު، 400 އާ ގާތް ކުރާ ކަމަށް ދާދިފަހުން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

އޮސްޓްރޭލިއާގެ ސްޓްރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓް (އޭއެސްޕީއައި) އިން ބުނާ ގޮތުގައި، ވީގުރު ދަރިކޮޅުގެ މީހުންނަށް ހާއްސަކޮށްގެން ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ހިންގާ ޑިޓެންޝަން ސެންޓަރުތަކުގެ އަދަދު، 380 އަށް އަރައެވެ. މިއީ މީގެ ކުރިން ހީކުރެވިފައި އޮތް މިންވަރަށްވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ.

އދއިން މީގެ ކުރިން ހާމަ ކޮށްފައި ވާ ގޮތުގައި މި މަރުކަޒުތަކުގައި ތިބި ވީގޫރު ދަރިކޮޅުގެ މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އަރައެވެ.

ކޮމިއުނިސްޓް ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގުރު ދަރިކޮޅުގެ މުސްލިމު އަންހެނުން ރަމްޒުކޮށްދިނުމަށް ބޭޏުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ފޮރިން ޕޮލިސީ

ޗައިނާގެ ސަރުކާރުން ބުނާ ގޮތުގައި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މީހުން އަހުލުވެރިކުރުމަށް ހިންގާ ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒުތަކެކެވެ.

އޭއެސްޕީއައިގެ ދިރާސާގައި އިސް ދައުރެއް އަދާކުރެއްވި ރިސާޗާ ނޭތަން ރޫޒާ ވިދާޅުވީ، ޝާރުއީ އިމުން ބޭރުން ހައްޔަރުކޮށްފައިވާ ގިނަ އަދަދެއްގެ ބަޔަކާ ދެކޮޅަށް، ރަސްމީ ފެންވަރުގައި ދައުވާ އުފުލާ، ސެކިއުރިޓީ ވަރުގަދަ ފެސިލީޓީތަކެއްގައި ގައިދީންގެ ގޮތުގައި އެމީހުން ބަންދު ކޮށްފައި ތިބި ކަމުގެ ހެކި ލިބިފައި ވާ ކަމަށެވެ.

އޭއެސްޕީއައިގެ ދިރާސާ އެކުލަވާލާފައިވަނީ ސެޓެލައިޓް ފޮޓޯޓަކުގެ އިތުރުން، މަންޒަރު ދުށް މީހުންނާ، މީޑިއާ ރިޕޯޓްތަކުގެ އިތުރުން ޗައިނާގެ ރަސްމީ ކޮންސްޓްރަކްޝަން ޓެންޑާ ލިއެކިއުންތަކަށް ރިއާޔަތް ކޮށްގެނެވެ. ޓެންޑާ ލިއެކިއުންތަކުން ފެންނަ ބައެއް މައުލޫމާތަށް ބަލާއިރު، 4 ގިންތިއެއްގެ މަރުކަޒުތަކެއް އެބަހުއްޓެވެ. އެގޮތުން ބައެއް މަރުކަޒުތަކުގައި އިންތިހާއަށް އުސްކޮށް ވަށާފާރު ރާނާފައި ވާއިރު، ފާރަވެރިންނަށް ހާއްސަ ކިއްލާތައް އެޅުމުގެ އިތުރުން، އެތެރޭގައި ފެންސު ޖެހުން ފަދަ ކަންކަންވެސް ކުރުމަށް ހިމަނާފައި ވެއެވެ.

ކޮމިއުނިސްޓް ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގުރު ދަރިކޮޅުގ މުސްލިމު 2 އަންހެނަކު ހިނގާފާ ދާއިރު، އަސްކަރިއްޔާއިން ހަރަކާތްތެރިވަނީ/ފޮޓޯ: ފޮރިން ޕޮލިސީ

މިއަހަރުގެ ޖުލައި މަޖުގެ ނިޔަލަށް ފާއިތުވީ އަހަރެއްހާ ދުވަހަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި 61 ޑިޓެންޝަން ސެންޓަރެއް އަޅާ، ޑިޓެންޝަން ސެންޓަރުތައް ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މިހާރުވެސް 14 ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.

ރޫޒާ ވިދާޅުވީ، ބައެއް ފެސިލިޓީތައް އަޅާފައިވަނީ ސިނާއީ ސަރަހައްދުތަކުގައި ކަމަށާ، އެއީ ގައިދީން ލައްވާ މަޖުބޫރުން ނުވަތަ އަޅު އުސޫލުން ސިނާއީ މަސައްކަތްތައް ކުރުވުމަށް މަގުފަހި ކުރުމަށް ހިންގާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ޗައިނާއާއި ގުޅިގެން އެސްޕީއައި މިފަދަ ވާހަކަތަކެއް އާންމު ކޮށްފައިވާއިރު، ޗައިނާއިން ވަނީ އޭއެސްޕީއައިގެ މުރާސިލު އެލެކްސް ޖޮސްކޭއަށް ޗައިނާ ނުވަދެވޭ ގޮތް ހަދާފައެވެ. އޭނާއަކީ ޗައިނާގެ އަސްކަރިއްޔާއާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ބައިނަލްއަގުވާމީ ނުފޫޒުގެ ރޮނގުން ހާއްސަ ވަމުން އަންނަ އެނަލިސްޓެކެވެ.

ޗައިނާއިން ދަނީ ވީގޫރު މައްސަލާގައި އެ ގައުމަށް އަމާޒުކުރާ ފާޑުކިއުންތަކަށް ދެކޮޅު ހަދަމުންނެވެ.