ޗައިނާގެ އެންމެ މުއްސަނދި މަހުޖަނުގެ ގޮތުގައި ހުރި ޖެކް މާ ވައްޓާލުމަށްފަހު، ފެން ކުންފުންޏެއްގެ އޯނަރު، އެ ލަގަބު ހޯދައިފިއެވެ.

ޗައިނާގެ ޝީޖިއާންގް ޕްރޮވިންސްގައި 1996 ވަނަ އަހަރު، ނޯންގްފޫ ސްޕްރިންގްގެ ނަމުގައި ބޯފެން ބަންދުކުރާ ކާރުހާނާއެއް ހިންގަން ފެށި ޝޯންގް ޝޭންޝޭން، ޗައިނާގެ އެންމެ މުއްސަނދި މަހުޖަނުގެ ޓައިޓަލް ހޯދާފައި މިވަނީ، އޭނާގެ މިލްކިއްޔާތުގައި ހުރި 58.7 ބިލިއަން ޑޮލަރާއެކުގައި ކަމަށް، ބްލޫމްބާގް ބިލިއަނާޒް އިންޑެކްސްއިން ދައްކައެވެ.

ޝޯންގްގެ މިލްކިއްޔާތުގެ އަގު ރެކޯޑް އަދަދަކަށް އުފުލިގެން ދިޔައީ އޭނާގެ ފެން ކުންފުނީގެ ހިއްސާ، ބާޒާރުގައި ވިއްކަން ފެށުމާއެކުގައެވެ. މީގެ އިތުރުން ޝޯންގް އަކީ ވެކްސިން ތަރައްގީ ކުރާ ކުންފުންޏެއްގެ މުހިންމު ހިއްސާދާރެއް ކަންވެސް ފާހަގަކުރަންޖެހެއެވެ.

"ލޯން ވުލްފް"ގެ ވަނަމުން މަޝްހޫރުވެފައިވާ ޝޯންގްއަކީ މިހާރު މުޅި އޭޝިއާ ބައްރުގައި ހުރި، 2 ވަނައަށް އެންމެ މުއްސަނދި މަހުޖަނެވެ. ލިސްޓުގެ 1 ވަނާގައި އޮތީ، ރިލާޔަންސް އިންޑަސްޓްރީޒްގެ ބާނީ، މުކޭޝް އަމްބާނީއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ޝޯންގް އުޅެނީ އެންމެ މުއްސަނދި 500 މަހުޖަނުންގެ ލިސްޓުގެ 17 ވަނާގައެވެ.

ޗައިނާގެ އާ ބިލިއަނަރުންނަކީ އާންމު ގޮތެއްގައި ޓެކްނޮލޮޖީ ކުންފުނިތަކަށް ނިސްބަތްވާ މަހުޖަނުން ކަމުގައި ވީ ނަމަވެސް، މި ފަހަކަށް އައިސް އެމެރިކާއާއި ޗައިނާއާ ދެމެދު ނުތަނަވަސް ވަމުން އަންނަ ވިޔަފާރީގެ ހަނގުރާމައިގެ ބަނަ ވިލާގަނޑުގެ ހިޔަނި، ވާވޭއާއި ޓިކްޓޮކް އަދި ވީޗެޓް ފަދަ ކުންފުނިތަކަށް އެޅި، ޗައިނާގެ ޓެކްނޮލޮޖީ ސިނާއަތުގެ ވިޔަފާރި ހިއްސާގެ އަގުތައް ވަނީ ދަށަށް ދާން ފަށާފައެވެ.

ޗައިނާގެ މަސްރަހަށް ބަލާއިރު، ޓެކްނޮލޮޖީ ކުންފުނިތަކާ ދާދި އެއް ހަމައެއްގައި، ކާބޯތަކެއްޗާއި އާންމު ބޭނުންތަކަށް މުދާ ވިއްކާ ވިޔަފާރިތަކުން ދަނީ މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

ޝޯންގްގެ ހިއްސާ އޮންނަ ބީޖީންގް ވަންޓާއީ ބައޮލޮޖިކަލް ފާމަސީ އެންޓަޕްރައިސްއިން ވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ވެކްސިން ތަރައްގީ ކުރުމަށް 2 ޔުނިވާސިޓީއަކާ ޕާޓްނާޝިޕް ހަދާފައެވެ.

6 އަހަރު ދުވަސް ވަންދެން ޗައިނާގެ އެންމެ މުއްސަނދި މަހުޖަނުގެ ޝަރަފު ހިފައިގެން ހުރި މާ ވައްޓާލުމަށްފަހު އެ މަގާމަށް އެރި ޝޯންގަށް، މާ ގިނަ ދުވަހު މި ޓައިޓަލް ނުހިފެހެއްޓޭނެ ކަމަށް ބެލެވެއެވެ. މާގެ އަލީބާބާ ކުންފުނީގެ އޭންޓް ގުރޫޕުން ވަނީ ޗައިނާއާއި ހޮންގްކޮންގްގެ ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ހިއްސާ، އަންނަ މަހުގެ ތެރޭގައި ލިސްޓު ކުރުމަށް ނިންމާފައެވެ. އަންދާޒާ ކޮށްފައިވާ އަދަދުތައް ހާސިލުވެއްޖެނަމަ، އަނެއްކާވެސް މާގެ މިލްކިއްޔާތަށް އެތައް ބިލިއަން ޑޮލަރެއް އިތުރުވާނެއެވެ.