ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ދިފާއުވުމަށް ދޭ ވެކްސިންތަކަކީ 100 ޕަސެންޓް ކާމިޔާބު ވެކްސިންތަކެއް ނޫން ކަމަށާ، މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން 50 ޕަސެންޓް ފުރިހަމަވާ ވެކްސިނަކަށްވެސް ރުހުން ދެވިދާނެ ކަމަށް، އިންޑިއަން ކައުންސިލް ފޮ މެޑިކަލް ރިސާޗް (އައިސީއެމްއާރް) ގެ ޑައިރެކްޓާ ޖެނެރަލް ބަލްރާމް ބަރްގަވާ ވިދާލުވެއްޖެއެވެ.
ކަން މިހެން އޮތް ނަމަވެސް، ރުހުން ދިނުމުގައި، އެންމެ މަތީ ދަރަޖައަކަށް ކާމިޔާބީ ހާސިލު ކުރާ ވެކްސިނެއް ބައްލަވާނެ ކަމަށް ޑރ ބަރްގަވާ ވަނީ ވިދާޅުވެފައެވެ.
ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ދިފާއުވުމަށް ދޭ ވެކްސިންތަކަކީ 100 ޕަސެންޓް ކާމިޔާބު ވެކްސިންތަކެއް ނޫން ފާހަގަކުރައްވަމުން ޑރ ބަރްގަވާ ވިދާޅުވީ، ވެކްސިނެއްގައި ފުރިހަމަވާންޖެހޭ 3 ޝަރުތެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައި ވާކަމަށެވެ. އެއީ އެ ވެކްސިނެއްގެ ރައްކާތެރިކަމާ، އިމިއުނޮޖެނިސިޓީ (ހަށިގަނޑަށް، ބޭރުން އެތެރެކުރާ މާއްދާއަކުން ދިފާއީ ނިޒާމުގެ އިޖާބަ ދިނުން) އާއި، ވައިރަހާ ދެކޮޅަށް ވެކްސިންގެ ކާމިޔާބު ވުން ކަމަށް ޑރ ބަރްގާވް ފާހަގަކުރެއްވިއެވެ. 50 ޕަސެންޓް ކާމިޔާބު ވެކްސިނަކަށް ރުހުން ދެވިދާނެ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއަން ކައުންސިލް ފޮ މެޑިކަލް ރިސާޗް (އައިސީއެމްއާރް) ގެ ޑައިރެކްޓާ ޖެނެރަލް މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، ކޮވިޑް-19އަށް ތަރައްގީކޮށް ބޭނުން ކުރަން ފަށާ ވެކްސިނަކީ، އެ ބަލިން ސައްތަ އިންސައްތަ ދުރުކޮށްދޭ ވެކްސިނަކަށް ކޮންމެހެން ނުވެދާނެ ކަމަށާ، ނަމަވެސް ވެކްސިނަކަށް ރުހުން ދިނުމުގައި، އެ ވެކްސިނެއްގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑުވެގެން ނުދާ ގޮތަކަށް ތަރައްގީ ކޮށްފައިވާ ވެކްސިނަކަށް ބެލުން އެކަށީގެންވާ ކަމަށް އިންޑިއާގެ ޑްރަގް ރެގިއުލޭޓަރު ނުވަތަ ސެންޓްރަލް ޑްރަގްސް އެންޑް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަނުން ގަވައިދެއް ޑްރާފްޓް އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.