ޗައިނާއިން ނަގާފައި ހުރި ލޯނުތަކަށް ފައިސާ ނުދެއްކިއްޖެނަމަ ރާއްޖޭގެ ބިމާއި ރަށްތައް ނަގާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން ނަގާފައި ހުރި ލޯނުތަކަށް އަނބުރާ ފައިސާ ނުދެއްކިއްޖެނަމަ ބަދަލުގެ ގޮތުގައި ރާއްޖޭގެ ބިމާއި ރަށްތައް ދިނުމަށް ޗައިނާއިން ބުނާނޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ.

ނަމަވެސް އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ސަފީރު ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ޝިންގްހުއާ އޭޖެންސީއަށް ދާދި ފަހުން ދެއްވި ދެއްކެވި ވާހަކައެއް ވެސް ވިދާޅުވެފައެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަކީ ދެގައުމަށް ފައިދާކުރަނިވި އެއްބަސްވުންތަކެއް ކަމަށް ސާހިދު ވިދާޅުވެފައިވާ ކަމަށް ސަފީރު ވަނީ ވިދާޅުވެފައވެެ.

ހަމައެހެންމެ ރާއްޖެއާއި ޗައިނާ، އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭ ދިނުމަކީ ރަހުމަތްތެރި މަޝްވަރާތަކުގެ ނަތީޖާ ކަމަށް ވެސް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ.

ސަފީރު އިތުރަށް ވިދާޅުވީ ދަރަނި އަދާކުރަން ރާއްޖެއަށް މިއީ ދަތި ދުވަސްވަރެއް ކަން ޗައިނާއަށް އެނގޭ ކަމަށެވެ.