ކޮޗިން އާއި ކުޅުދުއްފުއްޓާ ދެމެދު ފަށަން ހަމަޖެހިފައިވާ ފެރީގައި ގެންނާނީ ދިވެހި އިމްޕޯޓަރުން އިމްޕޯޓް ކުރާ މުދާ ކަމަށާއި، އެ ނޫން އެއްޗެއް ނުގެންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، މި ފެރީ ފެށުމުގެ ސަބަބުން އިމްޕޯޓް ކުރާ މުދާ އަންނަނީ އިންޑިއާއިން ސީދާ ރާއްޖެކަން ކަށަވަރުވާނެ ކަމަށާއި، މި ފެރީގައި ގެންނާނީ ދިވެހި އިމްޕޯޓަރުން އިމްޕޯޓް ކުރާ މުދާ ކަމަށެވެ.

އަދި މިހާރު އޮންނަ ކާގޯ އުޅަނދުތަކާ މި ފެރީ ތަފާތު ވަނީ، މިއީ ޝެޑިއުލް ކޮށްގެން ދަތުރުކުރާ ފެރީއަކަށް ވުމާއެކު، މި ފެރީގެ ސަބަބުން ވިޔަފާރި ކުރުންވެސް ފަސޭހަވެގެން ދާނެތީ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ، ކޮޗިން ފެރީ ދަތުރުތަކުގެ ސަބަބުން ދިވެހިންނަށް ގެއްލުންތަކެއް ވާނެ ކަމުގައި ވިޔަފާރިވެރިޔާ އަހްމަދު އާރިފު (އާއްޓޭ) ވިދާޅުވުމާ ގުޅިގެން، އާއްޓެއަށް ދެއްވި ރައްދެއްގެ ގޮތުގައެވެ.

މީގެ އިތުރުން މި ފެރީ ފެށުމާ ބެހޭގޮތުން މިނިސްޓަރު ފައްޔާޒް 'ދަ ޕްރެސް' އަށް ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެއާ ދޭތެރޭ މިހާރުވެސް ކުރަމުން އަންނަ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ތަކުން، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގު، ހެޔޮ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް، އަދި ކުރިއަށް އޮތް 5 އަހަރަށް ބެލިކަމުގައި ވިޔަސް، ލާމަރުކަޒީ ފުދުންތެރިކަން ބޮޑެތި އާބާދީތަކަށް ހޯދައިދިނުމަށްޓަކައި، އިގްތިސޯދު މިހާރަށް ވުރެ ބޮޑަށް ހުޅުވާލަން ޖެހޭ ކަމަށާއި، މިއީ، އެ މަންޒިލަށް ވާސިލުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.

މި ފެރީ އިން ޖުމްލަ 4.47 ބިލިއަން ރުފިޔާގެ ތަކެތި ގެނައުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ކާބޯތަކެއްޗާއި ސިއްހީ އާލާތްތަކާއި ބޭހަށް ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

ކޮޗިން ފެރީ ވަނީ މިހާރު އިންޑިއާގެ ސޫތުކުޅިން ކޮޗިނަށް ދިއުމަށް ފުރާފައެވެ. އަދި ކޮޗިނުން މުދާ ނަގައިގެން އެ ފެރީއަށް ރާއްޖެއާ ހަމައަށް އާދެވޭނީ މިމަހު 26 ގައި ކަމަށް މައުލޫމާތުލިބެއެވެ.