ސަރުކާރުގެ ވިސްނުމަކީ ތިން މަސް ފަހުން ކާގޯ ފެރީ، މީހުން އުފުލާ ފެރީއަކަށް ބަދަލުކުރުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ބޮޑުތިލަދުންމަތީގެ އުފެއްދުންތައް ފުރަތަމަ 3 މަހު ކޮންމެވެސް ވަރަކަށް އެކްސްޕޯޓް ކުރުން ކަމަށާއި އަދި އިންޑިއާއިން ގެންނަ ކާގޯ ފުރަތަމަ ތިން މަހު ބާޒާރުގައި ހޯލްސޭލްގެ އަގު 35 އިންސައްތައަށް ދަށްކޮށް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އަދި އެ ތިން މަހަށްފަހު ކާގޯ ފެރީގެ ނަމުގައި ގެންނަ ފެރީ މީހުން އުފުލާ "ޕަސެންޖާ ފެރީ" އަކަށް ބަދަލުވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ކޮޗިން ފެރީއަކީ އިންޑިއާއިން ރާއްޖެ ހިފުމާ ގާތަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދެކޭ އިރު، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައި ވަނީ މެގަ ސުޕާ ސްޕީޑް ޕެސެންޖާ ފެރީގެ ހިދުމަތް ފެށުމަށް ތިލަދުންމަތީގައި ހޮޓެލް ރޫމްތައް އިތުރުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި 2022 ވަނަ އަހަރުގެ މެދުތެރޭގައި ކޮޓަރިތައް އިތުރުކުރެވުމަކީ އުއްމީދެއް ކަމަށެވެ.

ރާއްޖެ-ކޮޗިން ފެރީއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނީ އިންޑިއާ ކޮޗިން ފެރީއަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދޭތެރޭ މިހާރުވެސް ކުރަމުން އަންނަ ގާތްގަނޑަކަށް 4 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ތަކުން، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގު، ހެޔޮ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށާއި ކުރިއަށް އޮތް 5 އަހަރަށް ބެލިކަމުގައި ވިޔަސް، ލާމަރުކަޒީ ފުދުންތެރިކަން ބޮޑެތި އާބާދީތަކަށް ހޯދައިދިނުމަށްޓަކައި، އިގްތިސޯދު މިހާރަށް ވުރެ ބޮޑަށް ހުޅުވާލަން ޖެހޭ ކަމަށާއި، މިއީ، އެ މަންޒިލަށް ވާސިލުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް މިދިޔަ އާދިއްތަ ދުވަހު ފަށާފައި ވާއިރު ފެރީގެ ދަތުރު ރާއްޖެ ފެށުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ސޫތުކުޅިނެވެ. ފެރީ މިއަދު ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހު ރާއްޖެއަށް ފެރީ އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ 26 ވަނަ ދުވަހު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.