އިންޑިއާގެ ފިރިހެނަކު، އޭނާގެ މާބަނޑު އަނބި މީހާއަށް ހަމަލާދީ ބަނޑު ކަފާލިފަހުން ވިހޭ ދަރިފުޅު އުފަންވިއިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފިރިމީހާގެ ހަމަލާ އަމާޒުވި އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ވަޅިއަކުން، މާބަނޑު އަނބިމީހާގެ ބަނޑު ކަފާލީ، ބަނޑުގައި އޮތް ދަރިފުޅުގެ ޖިންސު ދެނެގަތުމުގެ ބޭނުމުގައެވެ. މި ދެމަފިރިންނަށް މިހާތަނަށް ލިބިފައިވަނީ 5 އަންހެން ދަރިން ކަމަށާ، ފިރިހެން ކުއްޖަކު ވިހެއެވުމަށް ފިރިހެން މީހާ ޕްރެޝަރު ކުރާ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މި ފިރިހެން މީހާ ހައްޔަރުކޮށްފައެވެ. ނަމަވެސް އެ ފިރިހެން މީހާ ވަނީ، މިކަމަކީ އަނބިމީހާއެއް އަނިޔާއެއް ދިނުމަށް ގަސްތުގައި ކުރި ކަމެއް ނޫންކަމަށް ބުނެފައެވެ. އޭނާ ވަކާލާތު ކުރަމުންދަނީ މިއީ އެކްސިޑެޓެއް ކަމަށެވެ.

އުއްތަރަ ޕްރަދޭޝްގައި ހިނގި މި ހާދިސާގައި، އަނބިމީހާއާއި ދިމާލަށް ވަޅި އެއްލިން ކަމަށާ، ނަމަވެސް އޭނާއަށް އެހާ ސިރިއަސް އަނިޔާއެއް ވާނެކަމަށް ހިޔާލަށްވެސް ގެނެވިފައި ނުވާކަމަށް ފިރިހެން މީހާ ވަނީ ބުނެފައެވެ.

އިންޑިއާގެ ފުލުހުން ދަނީ، މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

އިންޑިއާގައި ފިރިހެން ދަރިން ހޯދުމަށް އޮންނަ ބޯދާ ވިސްނުމުގެ ބާރު އަދިވެސް ކެނޑިގެން ނުދެއެވެ. ނަތީޖާއެއްގެ ގޮތުން އަންހެން ދަރިންގެ އަދަދު އިންތިހާއަށް ދައްވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

އާބާދީއާއި ބެހޭ އދގެ މަޝްރޫއު (ޔޫއެންއެފްޕީއޭ) އިން ޖޫން މަހު އާންމު ކުރި ރިޕޯޓަކަށް ބަލާއިރު، ފާއިތުވީ ބައި ގަރުނުގެ ތެރޭގައި އިންޑިއާއިން "ގެއްލިފައިވާ" އަންހެން ދަރިންގެ އަދަދު 46 މިލިއަނަށް އަރައެވެ.

ބަނޑުގައިވާ ދަރިފުޅުގެ ޖިންސު އެނގޭ ހިސާބުންނާއި، ވިހާއިރު އަންހެން ކުއްޖެއް ވިހެއުމުގެ ސަބަބުން އެކަށީގެންވާ ފަރުވާއާއި އަޅާލުން ނުދިނުމުގެ ސަބަބުން އިންޑިއާގައި އަހަރެއްގެ މައްޗަށް 460000 އަންހެން ކުއްޖެއްގެ ފުރާނަ ގެއްލި ދާ ލަ،ަށް ރެކޯޑް ތަކުން ދައްކައެވެ.

2018 ވަނަ އަހަރު އިންޑިއާގެ ސަރުކާރުން އާންމުކުރި ރިޕޯޓެއް ބުނާ ގޮތުގައި، ފިރިހެން ދަރިއަކު ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން، "ބޭނުން ނެތް" 21 މިލިއަން އަންހެން ކުއްޖަކު ވަނީ އުފަންވެފައެވެ. އާއިލާއަށް ފިރިހެން ކުއްޖަކު އުފަންވަންދެން ދެމަފިރިންގެ ޖޯޑުތަކުން ދަރިން ހޯދަމުން ދާ ކަމަށް އިންޑިއާގެ މާލީ ވުޒާރާގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވެއެވެ.