އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތުގައި ބޭނުން ކުރާ ފެރީގެ ފުރަތަމަ ދަތުރު ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައި ރާއްޖެ އައުމަށްޓަކައި އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ ފުރާފައިވާ ކަމަށެވެ. ސޫތުކުޅި އަދި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ އެ ކާގޯ ފެރީ ފުރަތަމަ ބަނދަރުކުރާނީ ކުޅުދުއްފުށީގައި ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، އިންޑިއާގެ މިނިސްޓްރީ އޮފް ސްޓޭޓް ފޮ ޝިޕިންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ވާޗުއަލް ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ފެރީ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި ރަސްމިއްޔާތުގައި ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ފުރަތަމަ ދަތުރު އިފްތިތާޙްކޮށްދެއްވީ އިންޑީއާގެ ފަރާތުން މިނިސްޓަ އޮފް ސްޓޭޓް ފޯ ޝިޕިން ސްރީ މަންސުޙް އެލް މަންދަވިއާއެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން ޝަރަފުވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އެ ރަސްމިއްޔާތުގައިވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މި ފެށުނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން މާލޭގެ ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އަތޮޅުތަކުގެ ރަށްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ފަށާ މަސައްކަތެއްގެ ގޮތުގައި ނަހުލާ ސިފަކުރެއްވިއެވެ.

ހާއްސަކޮށް އިގްތިސޯދީ ގޮތުން މުޅިން އާ ހަރުފަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި މިއީ ދެ ގައުމުގެ ވިޔަފާރިގެ ގުޅުން އިތުރަށް ބަދަހިވެ، މެރިޓައިމް ދާއިރާ ފުޅާކުރުމަށްވެސް ހުޅުވިގެން ދިޔަ ދޮރެއްކަމަށް ވިދާޅުވިއެވެ.

ކާގޯ ފެރީގެ ހިދުމަތް ފެށުނު އިރު، އިންޑިއާއިން ވަނީ ހިދުމަތް ސަބްސިޑައިޒްކޮށް ތިން މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖައްސާފައެވެ.

ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ މި ބޯޓު ކުޅުދުއްފުއްޓަށް ބަނދަރު ކުރާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އަދި 28 ގައި މާލެއަށް ބަނދަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.