ދުބާއީގައި އޮޕަރޭޓް ކުރާ މަގުބޫލު އެއާލައިންތަކުގެ ތެރޭގައި ގުނާލެވޭ ފްލައިޑުބާއީގެ ފްލައިޓްތައް، އަނެއްކާވެސް ދިވެހިރާއްޖެއަށް ފެށުމަށް ހަމަޖެހިފައި ވާ ކަމަށް، އެ އެއާލައިނުން މިއަދު ހާމަކޮށްފިއެވެ.

ފްލައިޑުބާއީގެ ދަތުރުތައް އަލުން ރާއްޖެއަށް ކުރަން ނިންމާފައިވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ބަންދުކުރި ބައިނަލްއަގުވާމީ ބޯޑަރު އަލުން ހުޅުވާލުމާއެކު، ރާއްޖެއަށް ދަތުރު ކުރުމަށް ބޭނުންވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ކަމަށް ފްލައިޑުބާއީއިން ވަނީ ހާމަކޮށްފައެވެ.

އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފަށައިގެން ފްލައިޑުބާއީގެ ފްލައިޓްތައް ރާއްޖެއަށް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، ހަފުތާއަކު 4 ދުވަހު ރާއްޖެއަށް ދަތުރުތައް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އަންގާރަ، ބުރާސްފަތި އަދި ހުކުރާއި ހޮނިހިރު ދުވަހު ރާއްޖެއަށް ކުރާ ފްލައިޓް ދަތުރުތަކާއެކު އެފްރިކާ، ސެންޓްރަލް އޭޝިއާ، ޔޫރަޕް އަދި އިންޑިއާގެ ސަބްކޮންޓިނެންޓާއި މިޑްލްއީސްޓްގެ ނެޓްވޯކްގައި އެ އެއާލައިންއިން ދަތުރުކުރާ މަންޒިލްތަކުގެ އަދަދު 40 އަށް އަރާނެއެވެ.

ރާއްޖެއަށް އަލުން ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފްލައިޑުބާއީގެ ސީއީއޯ ޣައިސް އަލް ޣައިސް ވިދާޅުވީ، ގިނަ ގައުމުތަކަކުން ހެޔޮ ފާލަކަށް އެޅެމުންދާތީ ފެންނަ ކަމަށާ، އާ އާންމު ހާލަތުގައި އިތުބާރާއެކު ދަތުރުފަތުރު ކުރުމުގެ ކަންކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތް ކޮށްގެން ކާމިޔާބު ހާސިލު ކުރެވިދާނެ ކަމަށެވެ.

ފްލައިޑުބާއީގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާއެކު ފަތުރުވެރިންގެ ގޮތުގައި ގަލްފު ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަސެންޖަރުންގެ އަދަދު އިތުރުވެގެންދާނެއެވެ.

ފްލައިޑުބާއީއިން ވަނީ 2013 އާއި 2018 ދެމެދު ރާއްޖެއަށް ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކޮށްފައެވެ.