ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާއެއްގެ ގޮތުގައި އެފްރިކާއިން ތައްޔާރު ކޮށްފައިވާ ފަތްޕިލާވެލީގެ ބޭސްވެރިކަން ތަޖުރިބާ ކުރުމާ ބެހޭ އުސޫލުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެއްބަސްވެއްޖެއެވެ.

މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ބުނީ ސާގާފީ ފަރުވާތައް ބަލައިގަތުމުގެ އަސާސެއް ކަމުގައި ބަލާނީ ސައެންސް ކަމަށެވެ. ސަގާފީ ބޭސްވެރިކަމުގެ ތެރެއިން އެދެވޭ ނަތީޖާއެއް ލިބިދޭ ކަމަށް ސާބިތުވާ ބޭސްފަރުވާ، ފުޅާ ދާއިރާއެއްގައި އުފެއްދުމަށް ހަލުވި ދުވެލީގެ މަރުހަލާއަށް ބަދަލު ކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މި ފިޔަވަޅަކީ ފުރިހަމަ ކުލިނިކަލް ތަހުލީލުތައް ކުރިއަށް ގެންދިއުމަށްޓަކައި އެފްރިކާގެ ސައެންސްވެރިން ބާރުވެރި ކުރުވާ، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

ޑަބްލިއުއެޗްއޯއިން މިހާރު ވަނީ ދެކުނު އެފްރިކާގައި ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ސާގާފީ ބޭސްވެރިކަމުގެ ފަރުވާ، ކޮވިޑް-19ގެ 3 ވަނަ މަރުހަލާގެ ކުލިނިކަލް ތަހުލީލު ކުރުމަށް ފެހި ސިގުނަލް ދީފައެވެ.

އެފްރިކާގެ ސަގާފީ، ފަތްޕިލާވެލީގެ ބޭސްފަރުވާ ތަހުލީލު ކުރުމުގެ އުސޫލުތަކަށް ރުހުން ދީފައިވަނީ ޑަބްލިއުއެޗްއޯއާއި، އެފްރިކާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އާއި އެފްރިކަން ޔޫނިއަން ކޮމިޝަން ފޮ ސޯޝަލް އެފެއާޒްއިން އެކުލަވާލި ތަޖުރިބާކާރުންގެ ޕެނަލަކުންނެވެ.

3 ވަނަ މަރުހަލާގެ ޓެސްޓަކީ، ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށްގެން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ތަހުލީލުތަކެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ހޯދިފައި ނުވާއިރު، ސާބިތު ނުހިފޭ އެކި ކަހަލަ ބޭސްތައް މި ބައްޔަށް ބޭނުން ނުކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.