ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ޅަ އުމުރުގެ ޒުވާނުންގެ ތެރެއިން 4 ބައިކުޅަ 1 ބައަށް ވުރެ ގިނަ ޒުވާނުންނަށް ނިއުމޯނިއާ ޖެހުނު ކަމަށް ދެކުނު ކޮރެއާގެ ދިރާސާ ޓީމަކުން ހާމަކޮށްފިއެވެ.
މި ދިރާސާގައި މުރާޖައާ ކޮށްފައި ވަނީ މި އަހަރުގެ ފެބުރުވަރީ މަހާ މާޗް މަހު 6 ހޮސްޕިޓަލަކުން ފަރުވާ ހޯދި، 315 ކޮވިޑް-19 ޕޭޝަންޓެއްގެ ކިބައިން އެއްކުރި މައުލޫމާތެވެ. މި ޕޭޝަންޓުންނަކީ ޅަ އުމުރުގެ ޒުވާނުން ނުވަތަ އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދު އުމުރުފުރާގެ ޕޭޝަންޓުންނެވެ. މި ޕޭޝަންޓުންގެ ތެރެއިން 26 ޕަސެންޓް ޕޭޝަންޓުންނަށް ވަނީ ނިއުމޯނިއާ ޖެހިފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރީކޮޅު، ދެކުނު ކޮރެއާގައި ޕޮޒިޓިވްވި ހުރިހާ އެންމެންހެން ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އޭގެ ތެރޭގައި، ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތްތައް ނުފެންނަ (އެސިމްޓޮމެޓިކް) ޕޭޝަންޓުންވެސް ހިމެނެއެވެ.
އަންނަ ހަފުތާގައި އޮންނަ ޔޫރަޕިއަން ކޮންގްރެސް އޮފް ކްލިނިކަލް މައިކްރޮބައޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް ކޮންފަރެންސް އޮން ކޮރޯނާވައިރަސް ޑިޒީޒްއަށް ތައްޔާރުކޮށްފައިވާ ހުލާސާ ބަޔާނެއްގައި ދިރާސާ ޓީމުން ބުނީ 2 ޕަސެންޓް ކޭސްތަކުގައި ނިއުމޯނިއާގެ ހާލު ސީރިއަސްވި ކަމަށެވެ. އަދި ސިއްހީ ބައްޔެއްގެ އެއްވެސް ރެކޯޑެއް ކުރިން ނެތް ޕޭޝަންޓަކަށް މެކޭނިކަލް ވެންޓިލޭޝަން ދޭން ޖެހުނު ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރި ޕޭޝަންޓަކަށްވެސް ނިއުމޯނިއާ ޖެހުނު ކަމަށް ބަޔާނުގައިވެއެވެ.
ކޮވިޑް-19އަކީ ޒުވާނުންނަށްވެސް ނިއުމޯނިއާގެ ނުރައްކާ އޮތް ބައްޔެއްކަން ގަބޫލުކުރަންޖެހޭ ކަމަށް ދިރާސާ ޓީމުން ބުނެއެވެ. އަދި ބަލިޖެހި، ސީރިއަސް ހާލަތަކަށް ދިއުމުގެ ނުރައްކާ، ޅަ އުމުރުގެ ޒުވާނުންނަށްވެސް އެބައޮތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ދަނީ އިންޒާރު ކުރަމުންނެވެ.
ނިއުމޯނިއާއަކީ އެތެރެހަށީގެ އެންމެ މުހިންމު އެއް ގުނަވަން ކަމުގައިވާ ފުއްޕާމެއަށް ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިޔާ އަކީ ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. އާންމުކޮށް ނިއުމޯނިއާ ޖެހެނީ ބެކްޓީރިއާ ނުވަތަ ވައިރަސްތަކުގެ ސަބަބުންނެވެ.