ނ. މަނަދޫ އިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވެވުމާ ގުޅިގެން އެރަށުގެ މޮނިޓަރިިންގެ ހާލަތު އުވާލައިފިއެވެ.

މަނަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައި ވަނީ، މޮނިޓަރިންއަށް ލިތާ، 5 ދުވަސް ފަހުން މިއަދެވެ. އެރަށް މޮނިޓަރުންގެ ހާލަތުން ނަގާފައި ވަނީ، ކޮވިޑް-19އާ ގުޅިގެން އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު މޮނިޓަރިންގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމުންނެވެ.

މަނަދޫއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 11 ވަނަ ދުވަހެވެ. އެ ޕޮޒިޓިވްވި މީހާ އާ ގުޅިގެން ޖުމްލަ 26 މީހަކު ވަނީ ކަރަންޓީނު ކުރެވިފައެވެ. މަނަދޫ އިން ޕޮޒިޓިވް ވެފައި ވަނީ މާލެއިން އެ ރަށަށް ހޯމް ކަަރަންޓީނަށް ފޮނުވި ދިވެހި ފިރިހެނެކެވެ. އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަނީ އެ ޕޮޒިޓިވް ވި މީހާގެ ނަތީޖާ ހަވާލުކުރަން ބެލިއިރު ދޯންޏެއްގައި މަހަށް ނުކުމެ ހުރުމުންނާއި ހުކުރު ނަމާދަށާއި އެ ރަށުގެ އެހެން ބައެއް ތަންތަނަށް ވެސް އެމީހާ ގޮސްފައި ވާތީއެވެ.

މިކަމާ ގުޅިގެން އެރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. ނަމަވެސް އެރަށުން ނެގި 37 ރެންޑަމް ސާމްޕަލް އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ 21 ރަށެއްގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތައް އެބައުޅެއެވެ. އެގޮތުން ބަލި ޖެހިފައިވާ 72 މީހުން އެރަށްރަށުގައި އެބަތިއްބެވެ. އަދި އެންމެ ގިނަ މީހުން ޕޮޒިޓިވްވެ، ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރާއެކު، ގދ. ހޯނޑެއްދޫ އަދި އެރަށާ ކޯސްވޭއަކުން ގުޅާލާފައިވާ ގދ. މަޑަވެލި އޮތީ މޮނިޓަރިންގައެވެ.