ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރެކޯޑްކުރި 90123 ކޭހާއެކު އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި އެކަނިވެސް އިންޑިއާއިން 1 މިލިއަން ޕޮޒިޓިވް ކޭސް ފެނިފައި ވާއިރު، 4 މިލިއަން ކޭހުގެ ފާހަގަ ހުރަސްކުރީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން އިންޑިއާއިން 1290 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށާ، މިއާއެކު މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ ޖުމުލަ އަދަދު 82066 އަށް އަރާފައިވާކަމަށް ޚަބަރު ލިބެއެވެ.

1.35 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު، ފާއިތުވީ ހަފުތާތަކުގައި ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ. ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކުގެ 1 މިލިއަން ފާހަގަ ހުރަސް ކުރުމަށް އިންޑިއާގައި 6 މަސްދުވަސް ހޭދަވިއިރު، 4 މިލިއަން ހުރަސް ކުރީ 2 މަހެއްހާ ދުވަހުގެ ތެރޭގައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިންޑިއާގައި މިހާރު ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް އިތުރުވަނީ، ބަލިމަޑުކަމުގެ ކުރީކޮޅު، ބަލަންޖެހޭ ކަންކަމަށް ނުބަލާ، ތަންފީޒު ކުރަން ފެށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. މަޝްހޫރު ވައިރޮލޮޖިސްޓެއް ކަމަށްވާ ޓި ޖޭކަބް ޖޯން ވިދާޅުވާ ގޮތުގައި މާޗްމަހު އިއުލާންކުރި ލޮކްޑައުންއަކީ ދުރާލާ އިންޒާރު ކުރުމެއް ނެތި އިއުލާންކުރި ލޮކްޑައުންއެއް ކަމުން ތޮއްޖެހުމަށް މަގުފަހި ކުރީއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުންތައް މިހަފުތާގައި ފެށިއިރު، ބައްދަލުވުންތަކަށް ވަނުމުގެ ކުރިން މެމްބަރުން ވަނީ ކޮވިޑް-19އަށް ސްކްރީން ކުރައްވާފައެވެ. އެގޮތުން ހޯދި ހޯދުންތަކުން 17 މެމްބަރަކު ޕޮޒިޓިވްވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ކަން މިހެން އޮތް ނަމަވެސް، އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު ހަރްޝް ވަރުދަން ވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެ ގައުމަށް ކާމިޔާބު ލިބިފައި ވާކަމަށް ވިދާޅުވެފައެވެ.

އިންޑިއާއިން ދަނީ ކޮވިޑް-19އަށް ޓެސްޓު ކުރުންވެސް އިތުރު ކުރަމުންނެވެ. އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް 950000 ސާމްޕަލް، ކޮވިޑް-19އަށް ޓެސްޓު ކުރެއެވެ. އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން އަންގާރަ ދުވަހު ހާމަ ކުރި ގޮތުގައި އެގައުމުން ވަނީ 59 މިލިއަނަށްވުރެ ގިނަ ސާމްޕަލް ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ.